ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގައި ދިވެހިރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރި ފުރަތަމަ މެޗު ރާއްޖެއިން 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ.
ލަންކާގެ ރޭސްކޯސް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގެ 27 ވަނަ މިނިޓްގައި ނާއިޒު ހަސަން ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑާއިއެކު ރާއްޖޭން ވަނީ ލީޑު ނަގާފައެވެ.
ރާއްޖޭން ސްރީލަންކާ ހާފްގެތެރޭގައި ގިނައިރު ބޯޅަ ގެންގުޅެ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ހޯދަމުން ދިޔަ މި މެޗުގައި ރާއްޖޭން ދެވަނަ ލަނޑު ޖެހީ މެޗުގެ 34 ވަނަ މިނިޓްގައެވެ.
ލަންކާގެ ކީޕަރު އޭރިއާތެރޭގައި ހުރިނަމަވެސް ހުހަށް އޮތް ގޯލަށް ބޯޅަ ފޮނުވާލައިގެން މެޗުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ދިނީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ.
މެޗުގެ ދެވަނަ ހާފުގައި ލަންކާގެ ޓީމުން ވަނީ ރާއްޖޭގެ ގޯލަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އަދި 61 ވަނަ މިނިޓްގައި ލަންކާއަށް ލިބުނު ޕެނަލްޓީއަކުން ތާޕަރަން ޖެހި ލަނޑު، ފަހުން ރެފްރީ ވަނީ ބާތިލުކޮށްފައެވެ.
މެޗުގެ 91 ވަނަ މިނިޓްގައި އިލާންގެ އެސިސްޓަކުން އަލީ ފާސިރު (ސެންޓޭ) ވަނީ ރާއްޖޭގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.




