ފަރުމަހުގެ މަސްވެރިކަން މޮނިޓާކުރުމުގެ ސާވޭތަކެއް ފަށައިފިއެވެ.
އެ ސާވޭތައް ފަށާފައި ވަނީ މ.އަތޮޅު މުލީގައެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ޓްރާންސްފޯމް މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ފަރުމަހުގެ މަސްވެރިކަން މޮނިޓާ ކުރުމުގެ ސާވޭ އަކީ މޯލްޑިވްސް މެރިން ރިސާޗް ސެންޓަރުގެ ސައިންސް އަދި ދިރާސާ ޓީމުން މިއަހަރު ކުރިއަށްގެންދާ 6 ވަނަ ސާވޭ ކަމަށެވެ.
”މި ސާވޭތަކުން ލިބޭ މައުލޫމާތާއި ހޯދުންތަކުން ރަށު ފެންވަރުގެ މަސްވެރިކަމާއި އޭގެ ސަބަބުން ފަރުމަހުގެ އަބާދީއަށް ކުރާ އަސަރުތައް އިތުރަށް ދެނެގަތުމަށް މަގުފަހިވެގެންދާނެ“ މިނިސްޓްރީން ބުނެފައި ވެއެވެ.
އަދި ހެކިތަކުގެ މައްޗަށް ބިނާކޮށް މަސްވެރިކަން މެނޭޖްކުރުން ހަރުދަނާވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.
ފިޝަރީޒް މިނިސްޓްރީން ވަނީ މި ސާވޭ ކުރިއަށް ގެންދިއުމުގައި މ.މުލި ކައުންސިލާއި ރަށުގެ މަސްވެރިންނާއި މަސް ޕްރޮސެސްކުރާ ފަރާތްތަކާއި މަސް ގަންނަ ފަރާތްތަކުން ދީފައިވާ އެހީތެރިކަން ޚާއްސަގޮތެއްގައި ފާހަގަކޮށްފައެވެ.
ފަރުމަހުގެ މަސްވެރިކަން މޮނިޓާކުރުމުގެ ސާވޭތަކެއް މ. މުލީގައި ފަށާފައި ވާއިރު ފަރުމަހާއި މިޔަރާއި މަޑީގެ އާބާދީ ދެނެގަތުމަށް މާލެ އަތޮޅުގައިވެސް ވަނީ ސާވޭއެއް ކުރިއަށް ގެންގޮސްފައެވެ.



