’ދަ އިވެންޓްސް ކަލަންޑާ’ގެ ނަމުގައި ރާއްޖޭގައި ކުރިއަށް ގެންދާ ހަރަކާތްތައް ހިމެނޭ ޕްލެޓްފޯމެއް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން ތައާރަފްކޮށްފި އެވެ.
ވީއެމްސީ އިން ބުނީ މިއީ މުޅި ރާއްޖޭގައި ކުރިއަށްދާ ހުރިހާ އިވެންޓްތަކެއް އެއް ޕްލެޓްފޯމަކުން ދައްކުވައިދޭނެ ޕްލެޓްފޯމެއް ކަމަށެވެ.
އެގޮތުން ރާއްޖޭގައި ކުރިއަށް ގެންދާ އެކިއެކި ފެސްޓިވަލްތަކާއި ކުޅިވަރުގެ އެކި ހަރަކާތްތަކުން ފެށިގެން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއ،ި މައުރަޒުތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މައި ހަބެއްގެ ގޮތުގައި އެ ޕްލެޓްފޯމް ބޭނުންކުރާނެ އެވެ.
ދިވެހިރާއްޖޭގެ ޚާއްސަ ސިފަތަކާއި ފަތުރުވެރިން ގަޔާވާނެފަދަ ފަރުމާތަކާއެކު ރިސޯޓުތަކުންނާއި އަދި ރަށްރަށުން ރާވާފައިވާ ހަރަކާތްތައް އެ ކަލަންޑަރުގައި ވަނީ ހިމަނާފައެވެ.
”އަލަށް ތަޢާރަފުކުރެވުނު މި ޚިދުމަތަކީ އެކްޕީރިއެންޝަލް އަދި އެޑްވެންޗަރ ފަތުރުވެރިކަން ކުރިއެރުވުމަށް ދެވޭ އިތުރު ހަރުފަތެއް“ ވީއެމްސީން ބުނެފައި ވެއެވެ.
ވީއެމްސީ އިން ބުނީ މި ކަލަންޑަރާއެކު ރާއްޖޭގައި ފާހަގަކުރާ އެކި މުނާސަބަތުތަކާއި ރާއްޖޭގައި ކުރިއަށް ގެންދެވޭ ހުރިހާ ހަރަކާތްތަކާއި މުބާރާތްތައް މުޅި ދުނިޔެއާއި ހިއްސާ ކުރެވޭނެ ކަމަށެވެ.
ދިވެހި ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ ލާމަސީލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް އެ ކަލަންޑަރު އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާކުރަމުން ގެންދިއުމަށްވެސް ވީއެމްސީން ވަނީ އެދިފައެވެ.




