ގަލޮޅު ސިޓީ ޕާރކް ތަރައްޤީ ކުރުމުގެ މަސައްކަތް އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
އެ ކައުންސިލުން މިއަދު ބުނީ މި މަސައްކަތުގެ ފޭސް 2 ގެ ކޮންކްރިޓް މަސައްކަތް އެއްކޮށް މިހާރު ނިމިފައިވާ ކަމަށެވެ.
“ މި ޕާކުގެ މަސައްކަތްތައް އަންނަ އޮކްޓޯބަރ މަހުގެ ނިޔަލަށް ނިންމުމަށް، ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓެކްޓަރުން އަންނަނީ މަސައްކަތް ކުރަމުން“ ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ގަލޮޅު ސިޓީ ޕާކުގެ މަސައްކަތް ކުރިއަށް ދަނީ، ގަލޮޅު ރައްޔިތުންގެ ހިޔާލާއި މަސްވަރާޔާއެކު ކަމަށެވެ.
އަދި މި ޕާކުގެ މަސައްކަތް ނިމޭއިރު، ޕާކުގައި ކަސްރަތު ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ބެންޑްމިންޓަން ކޯޓަކާއި ތްރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި ކުޑަކުދިން ކުޅޭނެ ހުސް ސަރަހައްދަކާއި އައުޓްޑޯ ޖިމެއް ވެސް ތަރައްޤީ ކުރާނެ ކަމަށް އެ ކައުންސިލުން ހާމަކުރެއެވެ.
ގިނަ އަހަރު ތަކެއް ވަންދެން އެއްވެސް ބޭނުމެއް ނުހިފި، ވީރާނަވަމުން ދިޔަ މި ޕާކުގައި އިވެންޓްތައް ބޭއްވުމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދަކާއި އުމުރުން ދުވަސްމީ ބޭފުޅުން ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލައިގެން ތިބުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދެއް ވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
ގަލޮޅު ސިޓީ ފާރކް ތަރައްޤީ ކުރުމުގެ މަސައްކަތަކީ ، މާލެ ސިޓީއަކީ އަމާން ހިތްފަސޭހަ ރައްކާތެރި އަދި އެކަކު އަނެކަކަށް އަޅާލާ ހިތް ހެޔޮ އޯގާތެރި ރައްޔިތަކު ދިރިއުޅޭ ސިޓީއަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ.




