ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ”ޗައިނާ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް 2025“ ގައި ބައިވެރިވާ 11 ސްކޫލެއްގެ ދަރިވަރުން ޗައިނާއަށް ފުރަން ތައްޔާރުވެއްޖެއެވެ.
މި ޕްރޮގްރާމް ކުރިއަށްދާނީ 2025 ސެޕްޓެންބަރު 9 އިން 2025 ސެޕްޓެންބަރު 12ގެ ނިޔަލަށް ޗައިނާގެ ސިޗުއާން ޕްރޮވިންސްގައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ 11 ސްކޫލަކުން ޖުމްލަ 12 ދަރިވަރުން ބައިވެރިވާ އެ ދަތުރުގައި ހިމެނެނީ 6 އަންހެން ދަރިވަރުންނާއި, 6 ފިރިހެން ދަރިވަރުން ކަމަށެވެ.
މި ޕްރޮގްރާމުގެ ތެރޭގައި ދަރިވަރުންނަށް ޗެންގުއާ ޕްރައިމަރީ ސްކޫލާއި، ސަންސިންގްޑޫއީ މިއުޒިއަމްގެ އިތުރުން ޑުޖިއާންޖިއަން ރިސާޗް ސެންޓަރ ފޯ ޖަޔަންޓް ޕަންޑާސްއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
އަދި ޗައިނާގެ ސަގާފީ ޙަރަކާތްތައް ބަލާލުމުގެ ފުރުޞަތުވެސް އެ ދަރިވަރުންނަށް ލިބޭނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް ޗައިނާގެ ސަގާފަތާއި ތާރީޚާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާއިރު, އެ ޤައުމުގައި ދިވެހިރާއްޖޭގެ ސަގާފަތް ދައްކާލުމަށް މަގުފަހިވެގެންދާނެއެވެ.
އެހެންކަމުން, މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ޗައިނާގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގާތްގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.




