ދެ ސިޓީއެއްގެ ހޮސްޕިޓަލުގައި އައިނު ފިހާރަ ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕްސް އޮފް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އެވެ.
ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ މި ވަގުތަށް އައިނު ފިހާރަތައް ހުރީ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ކަމުގައިވީ ނަމަވެސް އެ އަދަދު އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި އައިނު ފިހާރަ ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވަނީ ވިދާޅުވެފައެވެ.
އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ އެ ދެ ހޮސްޕިޓަލުގައި އައިނު ފިހާރަ ގާއިމުކުރުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ.
ސަރުކާރުން އައިނުގެ ޚިދުމަތްދޭން ފެށީ އާއްމުން ބޮޑު އަގުގައި އައިނު ހައްދަން ޖެހޭ މައްސަލައަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުންނެވެ.
އައިނު ހެއްދުމަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކޮށް، ރަނގަޅު ފެންވަރުގެ އައިނު، ލުއިފަސޭހަކަމާއެކު، ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފައްޓާނޭ ކަމަށް ރައީސް އިޢުލާންކުރެއްވީ މި އަހަރުގެ މޭ މަހުގެ 31 ގައެވެ.
މިގޮތުން އައިޖީއެމްއެޗްގައި ތަރައްޤީކުރި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ފުރަތަމަ އައިނު ފިހާރަ (އެމްސީޖީއެޗް އޮޕްޓިކަލްސް) ހުޅުވާފައި ވަނީ ޖުލައި27 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން ހުޅުމާލެ ހޮސްޕިޓަލުގެ އައިނު ފިހާރަ ”އެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުމާލެ“ހުޅުވާފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުއެވެ.
ސަރުކާރުގެ އައިނު ފިހާރަތަކުން ޚިދުމަތް ފޯރުކޮށްދެމުންދަނީ އާސަންދައިގެ ދަށުންނެވެ.
އެ އައިނު ފިހާރައިގެ ޚިދުމަތް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން ރޭގަނޑު 10:00އަށް ލިބެން ހުންނާނެއެވެ.
އެމްސީޖީއެޗް އޮޕްޓިކަލްސްއިން ދޭ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު 3335150 އަށް ގުޅައިގެން ލިބޭނެއެވެ.



