ނ. ލަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިންމީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ ލަންދޫގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ކަމަށެވެ.
އެގޮތުން މި އޮޕަރޭޝަންތަކުގެ ތެރެއިން މި މަހުގެ 8 ވަނަ ދުވަހު ލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނަކީ މަސްތުވާތަކެތި ގެންގުޅެ އަދި އެ ތަކެތި ބޭނުންކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެ އޮޕަރޭޝަނުގައި، އެ ރަށު ގެއެއް ބަލައިފާސްކުރިި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި 11 ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނ. މާޅެންދޫ / ހަވޭލި، ޙަސަން މުޙައްމަދު (33އ) އާއި ނ. މާޅެންދޫ / މޫންލައިޓް، އިމްރާން ޢަލީ (30އ) އެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މީގެ އިތުރުން ފުލުހުން މިއަދު ބުނީ މި މަހުގެ 6 ވަނަ ދުވަހު ވެސް ލަންދޫގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
އެގޮތުން އެ އޮޕަރޭޝަނަކީ މާލެއިން ނ. އަތޮޅަށް ދަތުރުކުރަމުންދާ ފެރީއަކުން ލަންދޫއަށް މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި، ލަންދޫ ބަނދަރުމަތިން ސ. ހިތަދޫ / ގާފިލާ، އަޙުމަދު އަބާން ޢަލީ (20އ) ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި، ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އަޙުމަދު އަބާން ޢަލީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



