މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ”ހުނަވަރު“ ޕްރޮގްރާމުގެ ދެވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްއޭސީއެލް އިން ބުނީ އެ ކުންފުނީގެ ”ހުނަވަރު“ ޕްރޮގްރާމުގެ މަޤުޞަދަކީ ކުންފުންޏަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކޮށް، މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ، އަހުލުވެރި ދިވެހި ޒުވާނުން ބިނާކުރުން ކަމަށެވެ.
އެގޮތުން މި ޕްރޮގްރާމުގެ ދެވަނަ ބެޗުގައި ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ 50 ފަރާތަކަށް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އެ ޕްރޮގްރާމްގެ ދަށުން ފުރުސަތު ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ޕަސެންޖާ ސާވިސަސް, ކާގޯ ސާވިސަސް, ރޭމްޕް ސާވިސަސް, މެކޭނިކަލް ސާވިސަސް, ފިއުލް ސާވިސަސް, އެރޯޑްރޯމް ގްރައުންޑް އެއިޑްސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ހިމެނެއެވެ.
އެމްއޭސީއެލް އިން ބުނީ ހަ މަސް ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް ހާއްސަ އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ޕްރޮގްރާމުން ހޮވާލެވޭ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށްވެސް އެމްއޭސީއެލުން ހާމަކުރެއެވެ.
އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 15 ސެޕްޓެންބަރު 2025ގެ ނިޔަލަށެވެ.
ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމް: https://www.jotform.com/form/243632274141450#preview



