މޭވާ އާއި ތަރުކާރީގެ ބާވަތްތައް ބާޒާރުގައި އަގު ބޮޑުވާ މައްސަލައަށް އަންނަ މަހު ދާއިމީ ހައްލެއް ލިބޭނޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އާންމު ކާބޯތަކެތި އަގުހެޔޮކޮށް ލިބޭނެކަން ކަށަވަރުކުރަން އެސްޓީއޯއާ ގުޅިގެން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ސަޢީދު ވިދާޅުވީ ހެޔޮ އަގުގައި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ރައްޔިތުންނަށް ލިބުމުގައި ދަތިތަކެއް އެބަ ހުރިކަމަށެވެ.
އަދި މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ ކާބޯތަކެތީގެ ރިވިއުއެއް ހެދުމަށް އެކަށީގެންވާ މަސައްކަތްތަކެއްވެސް ކޮށްފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް އަންނަ އޮކްޓޯބަރު 15 އިން ފެށިގެން ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ކަމަށްވާ ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި ކާށި، މުގު، ކުކުޅު ބިސް ހެޔޮއަގުގައި ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެސްޓީއޯއިން ގެންނަން ސަރުކާރުން ހަވާލުކުރި 23 ބާވަތުގެ ތެރެއިން އެއްވެސް ބާވަތެއްގެ އަގު ރާއްޖޭގެ ބާޒާރުގައި ބޮޑުވާ ނަމަ އެސްޓީއޯއިން އެ ބާވަތެއް ގެންނާނެ ކަމަށެވެ.
މީގެ އިތުރުން އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު ވިދާޅުވީ އެގޮތަށް ގެންނަ ކާބޯތަކެތި ރައްކާތެރިކުރުމަށް އިންޑަސްޓްރިއަލް ވިލެޖްގައި ބްރިޖް އަޅާ ސަރަހައްދުގައި ޒަމާނީ ދެ ގުދަން މިހާރު ގާއިމުކޮށްފައި ވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ބާޒާރުގައި ވިއްކަން ނިންމަވާފައެވެ.




