ކޯޓުތަކުގެ ޖާގައަށް ހައްލެއް ހޯދުމަށް ހުޅުމާލޭގައި ގާއިމްކުރަން ހަމަޖެހިފައިވާ ކޯޓު ކޮމްޕްލެކްސް އިމާރާތް ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ބީލަން ކުރިއަށް ގެންދާނީ ހައުސިން މިނިސްޓްރީގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާއި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުން ކަމަށެވެ.
ކޯޓު ކޮމްޕްލެކްސްގެ ބީލަމުގައި ބައިވެރިވުމަށް 1500ރ. ގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
ހަމައެހެންމެ ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 4.3 މިލިއަން ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
އަދި ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އެ މަސައްކަތަަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންކަން ކުރިއަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުން ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.




