ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދަ ފްރެންޗް ރިޕަބްލިކްގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ހިޒް އެކްސަލަންސީ ސިބަސްޓިއާން ލުކޮޣްނިއު އައްޔަންކުރެއްވުމާ ގުޅިގެން، އެ މަނިކުފާނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ބޮޑުވަޒީރު ލުކޮޣްނިއުއަކީ މަގާމުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެއްވުމުގެ ޤާބިލުކަން ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަން ޔަޤީންކުރައްވާކަމުގައި ފާހަގަކުރައްވައި، އެ މަނިކުފާނުގެ ވެރިކަމުގައި ހާސިލުކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިތަކަށް ވާޞިލުވުމުގައި، ކާމިޔާބީއަށް އެދިވަޑައިގަންނަވާފައިވެއެވެ.
އަދި ރާއްޖެއާއި ފްރާންސާއި ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި، ދޭދޭ މަސްލަޙަތު ހިމެނޭ ކަންކަމުގައި އެއްޤައުމުން އަނެއްޤައުމަށް ދެމުންދާ އެއްބާރުލުން، ބޮޑުވަޒީރު ލުކޮޣްނިއުގެ މި ދައުރުގައިވެސް ދެމިއޮންނާނެކަން ޔަޤީންކުރައްވާ ކަމުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ އައު ބޮޑުވަޒީރަށް ކާމިޔާބީއާއި، ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ފްރާންސްގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.




