މާލެ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ދެމުން އަންނަ ތައިސޭ ކޮށީގެ ނަން ”މާލެ ސިޓީ ހޯލް“ ގެ ނަމަށް ބަދަލުކޮށްފި އެވެ.
އެ ކައުންސިލުން މިއަދު ބުނީ މާލެ ސިޓީ ހޯލްގެ ނަމަށް ތައިސޭ ކޮށީގެ ނަން ބަދަލުކުރީ މިދިޔަ ބުދަ ދުވަހު ބޭއްވުނު ކައުންސިލްގެ 4 ވަނަ ދައުރުގެ 211 ވަނަ ޖަލްސާގައި ބައިވެރިވި ކައުންސިލަރުންގެ ފުރިހަމަ އަޤްލަބިއްޔަތުން ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް ދެމުންއައި ހުރިހާ ޚިދުމަތްތަކެއް ވެސް މިހާރު ދެމުން އަންނަނީ މާލެ ސިޓީ ހޯލުންނެވެ.
އެގޮތުން މާލޭގެ އެކި އަވަށްތަކުގައި ހުރި، ނުވަ ޢިމާރާތެއްގައި ހިނގަމުންދިޔަ މަސައްކަތްތައް، އެއް އޮފީހަކަށް ބަދަލުކުރުމުން، ޚަރަދު ކުޑަވެ، ދެވޭ ޚިދުމަތް އަވަސްވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވުމުގެ އިތުރުން، ހިންގުމަށް ވެސް އިންގިލާބީ ހެޔޮ ބަދަލެއް އަންނާނެ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވިއެވެ.
މި ބަދަލާއެކު އެއްތަނަކުން ލިބެންފަށާ ޚިދުމަތްތަކުގެ ތެރޭގައި، ލޭންޑް އެންޑް ބިލްޑިން، ވައިޓަލް ރަޖިސްޓްރޭޝަން، ޕްރޮކިއުމަންޓް، ހިއުމަން ރިސޯސަސް، އެޑްމިން، ކައުންސިލް ބިއުރޯ، ފައިނޭންސް، ހަބާރ އަދި މާރުކޭޓު މެނޭޖްމެންޓްގެ އިތުރުން ރޯޑް މެނޭޖްމަންޓްގެ މަސައްކަތްތައް ހިމެނެއެވެ.



