މާޒީގެ ފަޚުރުވެރި ތާރީޚަކީ ދިވެހި ޤައުމީ ތަރިކައިގެ އެންމެ އަގުހުރި ޚަޒާނާތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޤައުމީ ތަރިކައިގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އިސްލާމްދީނާއި، ދިވެހި ބަހާއި، ދިވެހިވަންތަ ރީތި އާދަކާދަތަކާއި، ދިވެހި މަސައްކަތްތެރިކަމާއި، އާސާރީ ތަންތަނާއި ތަކެތި އަދި، ދިވެހިންގެ މާޒީގެ ފަޚުރުވެރި ތާރީޚަކީ ދިވެހި ޤައުމީ ތަރިކައިގެ އެންމެ އަގުހުރި ޚަޒާނާތައް ކަމަށެވެ.
”މި ހުރިހާ ތަކެއްޗާއި ކަންކަން އަންނާން އޮތް ޖީލުތަކަށް ވާރުތަކޮށް ދިނުމަކީ ޤައުމީ އަމާނާތެއް. ދިވެހި ޤައުމުގެ ދެމިއޮތުމަށްޓަކައި އަދާކުރުން ލާޒިމު ވާޖިބެއް“ ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ދިވެހިންގެ ސަގާފަތާއި ތަރިކަ ހިމާޔަތްކުރުމަށްޓަކައި މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ދިވެހި ބަހާ ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީ އުފައްދައި، ރަށްރަށުގައި ހުރި ސަގާފީ އާސާރުތަކާއި ތަރިކަތައް ހިމާޔަތް ކުރުމުގެ ބޮޑު މަޝްރޫޢުއެއް ފަށައި، ތަރިކަ ދިރާސާކުރުމުގެ ދާއިރާއިން ކިޔެވުމަށްވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ.




