ރާއްޖޭގެ ސަގާފަތަކީ އަންނަން އޮތް ޖީލަށް ފޯރުކޮށްދޭންޖެހޭ އަމާނާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވީ ގައުމީ ތަރިކައިގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އެކަމަނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ދިވެހީންނަކީ ދިރިއުޅުމުގެ ރީތި ހަމަތަކަކާއި އާދަތަކެއް ހިފަހައްޓަމުން އައި ޚުލްޤު ހެޔޮ ބައެއް ކަމަށެވެ.
”މަސައްކަތްތެރި، ހީވާގި، މުރާލި، ރަޙްމަތްތެރި ރައްޔިތެއް. ދިވެހިވަންތަކަމުގައި ހުރި މިފަދަ ރިވެތި ސިފަތަކާއި، ކާބަފައިން ވާރުތަކޮށްދިން ޤައުމީ އާސާރުތަކާއި، ދިވެހި ބަހާއި، ދިވެހި ސަގާފަތަކީ ދަރީންނަށް ހެޔޮގޮތުގައި ފޯރުކޮށްދޭން ޖެހޭ ޤަައުމީ އަމާނާތެއް“ މެޑަމް ސާޖިދާގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ރާއްޖޭގެ ޤައުމީ ތަރިކައިގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުއެވެ.
ރާއްޖޭގެ ސަގާފަތަކީ އަންނަން އޮތް ޖީލަށް ފޯރުކޮށްދޭންޖެހޭ އަމާނާތެއް ކަމަށް މެޑަމް ސާޖިދާ މިއަދު ވިދާޅުވެފައި ވާއިރު، ދިވެހިންގެ ސަގާފަތާއި ތަރިކަ ހިމާޔަތްކުރުމަށްޓަކައި މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ދިވެހި ބަހާ ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީ އުފައްދައި، ރަށްރަށުގައި ހުރި ސަގާފީ އާސާރުތަކާއި ތަރިކަތައް ހިމާޔަތް ކުރުމުގެ ބޮޑު މަޝްރޫޢުއެއް ފަށައި، ތަރިކަ ދިރާސާކުރުމުގެ ދާއިރާއިން ކިޔެވުމަށްވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ.



