ދާދިފަހުން ސިނަމާތަކުގައި ދައްކައި، އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދަމުން އައި ފިލްމު ”ސައްޔާރާ“ މިއަދު ނެޓްފްލިކްސްއަށް ނެރެފިއެވެ.
އަހާން ޕާންޑޭ އާއި އަނީތު ޕައްޑާ ފިލްމީ ދާއިރާއަށް ތަޢާރަފުވި މި ފިލްމަކީ، މޯހިތު ސުރީ ޑައިރެކްޓު ކުރި ފިލްމެކެވެ. މި ފިލްމަށް މާބޮޑު ޕްރޮމޯޝަނެއް ކޮށްފައި ނުވިނަމަވެސް، ހައިރާންކުރުވަނިވި ކާމިޔާބީއެއް މި ފިލްމަށް ވަނީ ލިބިފައެވެ.
ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި މި ފިލްމަށް މިފަދަ ބޮޑު ކާމިޔާބީއެއް ލިބިފައިވަނީ މާކެޓިންގ އާއި ޕްރޮމޯޝަންގެ ބަދަލުގައި، ފިލްމުގެ ކޮންޓެންޓްގެ ފެންވަރު މަތިވުމުގެ ސަބަބުންނެވެ.
”މި ފިލްމުގެ ކޮންޓެންޓްގެ ބާރުގެ އިތުރުން، ފިލްމުގައި މަސައްކަތްކޮށްފައިވާ ކޮންމެ މީހެއްގެ ބުރަ މަސައްކަތުން މި ފިލްމަށް މި ލިބޭ ކާމިޔާބު ހައްގުވެގެންވޭ،“ ރިޕޯޓުތަކުން ބުނެފައިވެއެވެ.
ސިނަމާތަކުގައި ދެއްކުމުން ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން، ގިނަ ބަޔަކު ތިބީ މި ފިލްމު އޮންލައިންކޮށް ބަލާލެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެ އިންތިޒާރު މިއަދު ވަނީ ނިމުމަކަށް އައިސްފައެވެ.
މިހާރު ނެޓްފްލިކްސް މެދުވެރިކޮށް މި ފިލްމު ބެލުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.



