ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) ގައި ރަސްމީކޮށް ރަޖިސްޓްރީވެއްޖެއެވެ.
އައިޔޫއެމް އިން މިއަދު ބުނީ އެމް.އެން.އެސް.ޑީ.އޭ ގައި ރަސްމީކޮށް ރަޖިސްޓްރީވެ އެ އޮތޯރިޓީގެ އިންސްޓިޓިއުޓް ބޭސްޑް ޓްރެއިނިންގ ކުރިއަށްގެންދިޔުމުގެ ހުއްދަ ލިބިފައިވާ ކަމަށެވެ.
އެމް.އެން.އެސް.ޑީ.އޭގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް) ގެ އިތުރުން އެތަށް އިންސްޓިޓިއުޓެއް ވަނީ ރަޖިސްޓަރީވެފައެވެ.
އައިޔޫއެމް އިން ބުނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީތަކުން އެމް.އެން.އެސް.ޑީ.އޭގައި ރަޖިސްޓަރީވުމަކީ ރާއްޖޭގެ ޓެކްނިކަލް ވޮކޭޝަނަލް (ޓިވެޓް) ދާއިރާ ކުރިއެރުވުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
“ޒުވާނުންގެ ހުނަރުތައް ތަރައްޤީކުރުމާއި މަސައްކަތްތެރިކަމުގެ ދާއިރާތަކުން ކުރިއަށްދިޔުމަށް ޝައުގުވެރިވާ ޒުވާނުންނަށް ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެމް.އެން.އެސް.ޑީ.އޭ އަދި އައި.ޔޫ.އެމް ފަދަ ޤައުމީ ޔުނިވާސިޓީތަކުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައި“ އައިޔޫއެމް އިން ބުނެފައި ވެއެވެ.
މަސައްކަތުގެ ތަޢުލީމާއި ތަމްރީނު ހަރުދަނާ ކުރުމަށް ޢަމަލުކުރުމުގެ މަޤްސަދުގައި ޤާއިމްކުރެވިފައިވާ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އިން މިހާތަނަށް ޖުމްލަ 6 ދާއިރާއަކުން 168 ޕްރޮގްރާމް ވަނީ ތައްޔާރު ކޮށްފައެވެ.
މިގޮތުން، ޓްރާންސްޕޯޓް، ޓުއަރިޒަމް، ސޯޝަލް، ފިޝަރީސް އެންޑް އެގްރިކަލްޗަރ، ކޮންސްޓްރަކްޝަން، އަދި އައި.ސީ.ޓީ ދާއިރާ އިން ސެޓްފިކެޓް ލެވެލް 1 އިން ފެށިގެން ޑިޕްލޮމާއާއި ހަމައަށް ޤައުމީ ފެންވަރުގެ ސެޓްފިކެޓް ޙާޞިލުކުރުމަށް ވަނީ ފުރުޞަތުތައް ފުޅާކޮށްފައެވެ.



