ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ރޮބަޓް ރެޑްފޯމް މަރުވެއްޖެއެވެ.
އޮސްކާ އާއި ގޯލްޑެން ގްލޯބް އެވޯޑް ވެސް ހާސިލުކޮށްފައިވާ ތަޖުރިބާކާރު ފަންނާނު މިއަދު މަރުވި އިރު، އުމުރަކީ 89 އަހަރެވެ.
އެމެރިކާ އަށް އުފަން ރެޑްފޯޑަކީ މަޝްހޫރު ސަންޑާންސް ފިލްމު ފެސްޓިވަލް ވުޖޫދަށް ގެނައުމުގެ ބާނީ ވެސް މެ އެވެ.
އެކްޓަރެއްގެ ގޮތުގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅުނު ރެޑްފޯޑްގެ އެންމެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި ”ބެއާފުޓް އިން ދަ ޕާކް“ އާއި ”ބަޗް ކެސިޑީ އެންޑް ދަ ސަންޑާންސް ކިޑް“ އާއި ”ދަ ސްޓީިންގް“ އަދި ”އޯލް ދަ ޕްރެޒިޑެންޑް މެން“ ހިމެނެ އެވެ.
ރެޑްފޯޑް އެންމެ ފަހުން ފެނިފައިވާ ފިލްމަކީ 2019 ގެ ސުޕަހީރޯ ފިލްމު ”އެވެންޖާސް: އެންޑްގޭމް“ އެވެ.
ޑައިރެކްޓަރެއްގެ ގޮތުގައި އޭނަ އެންމެ ފަހުން ގެނެސްދިން ފިލްމަކީ ރޯލެއް ވެސް ކުޅުނު 2012 ގެ ޕޮލިޓިކަލް ތުރިލާ ”ދަ ކޮމްޕެނީ ޔޫ ކީޕް“ އެވެ. ރެޑްފޯޑް ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި ”އަ ރިވާ ރަންސް ތުރޫ އިޓް“، ”ކްއިޒް ޝޯ“، ”ދަ ލެޖެންޑް އޮފް ބެގާ ވޭންސް“ އަދި ”ދަ ކޮންސްޕިރޭޓާ“ ހިމެނެ އެވެ.
ރެޑްފޯޑަށް އެންމެ މޮޅު ޑައިރެކްޓަރުގެ އޮސްކާ އެވޯޑް ލިބުނީ އޭނަގެ އަލަތު ޑައިރެކްޝަންގެ ގޮތުގައި 1980 ގައި ގެނެސްދިން ޑްރާމާ ފިލްމު ”އޯޑިނަރީ ޕީޕަލް“ އިންނެވެ.
އެ ފިލްމަށް ވަނީ އެންމެ މޮޅު ފިލްމުގެ އޮސްކާ ވެސް ލިބިފައެވެ.



