ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ރެއާލް މެޑްރިޑާއި އާސެނަލް މޮޅުވެއްޖެއެވެ.
ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑް އަމިއްލަ ދަނޑުގައި މޮޅުވީ ފްރާންސްގެ މާސޭއާ ދެކޮޅަށް 2-1ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ މާސޭއިންނެވެ. މޭސަން ގްރީންވުޑް ދިން ޕާހަކުން މެޗުގެ 22 ވަނަ މިނެޓްގައި މި ގޯލު ކާމިޔާބުކޮށްދިނީ ޓިމޮތީ ވެއާ އެވެ. އޭގެ ފަސް މިނެޓް ފަހުން ރެއާލަށް ލިބުނު ޕެނަލްޓީއަކުން ކިލިއަން އެމްބާޕޭ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ޕެނަލްޓީ ލިބުނީ މާސޭގެ އޭރިއާ ތެރެއިން ރޮޑްރިގޯ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.
ފުރަތަމަ ހާފުގައި ރެއާލަށް ލީޑު ނަގަން ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، މާސޭގެ ކީޕަރު ރުއީގެ ހުޝިޔާރު ކުޅުމުން އެ ފުރުސަތުތައް ބޭކާރުވެގެން ދިޔައެވެ. މެޗުގެ 72 ވަނަ މިނެޓްގައި ޑެނީ ކަވަހާލް އަށް ރަތްކާޑު ދެއްކުމާ ގުޅިގެން ރެއާލް ކުޅެން ޖެހުނީ 10 ކުޅުންތެރިންނާ އެކުގައެވެ. ނަމަވެސް މެޗުގެ 81 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އެމްބާޕޭ ވަނީ ރެއާލްއަށް މޮޅުވުމުގެ ގޯލު ކާމިޔާބުކޮށްދީފައެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުގައި އާސެނަލް ވަނީ އެތްލެޓިކް ކްލަބްއާ ދެކޮޅަށް 2-0 އިން މޮޅުވެފައެވެ. އާސެނަލްގެ ދެ ގޯލުވެސް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ދެ ކުޅުންތެރިން ކަމަށްވާ ގެބްރިއަލް މާޓިނެއްލީ އާއި ލިއަންޑްރޯ ޓްރޮސާޑްއެވެ.
މީގެ އިތުރުން ރޭ ކުޅުނު އެހެން މެޗުތަކުގައި ޓޮޓެންހަމް އަމިއްލަ ދަނޑުގައި ވިޔަރެއާލް 1-0 އިން ބަލިކުރިއިރު، ޔުވެންޓަސް އާއި ބްރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި ފޯރިގަދަ މެޗު 4-4 އިން އެއްވަރުވެފައިވެއެވެ.
އަދި ގަރަބާގް އިން ވަނީ 3-2 އިން ބެންފީކާގެ މައްޗަށް ކުރި ހޯދައިފައެވެ.




