ރާއްޖޭގެ ފުޓްސަލްގައި އެންމެ މަގުބޫލު އެއް ކުޅުންތެރިޔާ އަޔާޒް އަހުމަދު (އަޔާ) އަށް ފުރަތަމަ ފަހަރަށް ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ފުރުސަތު ލިބިއްޖެއެވެ.
އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފަޔާސްގައި ބައިވެރިވުމަށް ތައްޔާރުވަމުންދާ ގައުމީ ޓީމުގައި ހިމެނުމާ ގުޅިގެން އަޔާ ބުނީ، މީ އޭނާ ކުރި ދިގު އިންތިޒާރުގެ ނިމުން ކަމަށެވެ.
.”އަލްހަމްދު ﷲ! އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފަޔާސްގައި ގައުމީ ފުޓްސަލް ޓީމާ އެކު ގައުމު ތަމްސީލު ކުރުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ލިބުމަކީ ޝަރަފެއް. މި ފުރުސަތުގައި އެންމެ ފުރިހަމައަށް މަސައްކަތް ކުރަން އަހަރެން ތައްޔާރު،“ އަޔާޒް ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.

އަޔާޒްގެ ކުޅިވަރުގެ ދަތުރުގައި 2019 ވަނަ އަހަރު ކްރޮއޭޝިއާގެ ކޯޗު ޕީޓާ ސެގަޓްގެ ދަށުން ގައުމީ ފުޓްބޯޅަ ޓީމުގައި ކުޅުމުގެ ފުރުސަތު ލިބި، ވޯލްޑް ކަޕް ކޮލިފައިންގައި ސީރިއާއާ ދެކޮޅަށް ކުޅެފައިވެއެވެ. ނަމަވެސް 2020 ވަނަ އަހަރު އޭނާ ވަނީ ފުޓްބޯޅައިން ދުރަށް ޖެހި، ފުޓްސަލްއަށް އަމާޒު ހިފާފައެވެ.
ފުޓްސަލްގައި އަޔާޒްގެ ކާމިޔާބީތަކުގެ ތެރޭގައި 2022 ވަނަ އަހަރު ޓީމް ފެނަކައާއެކު ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކޮށް، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުން ހިމެނެއެވެ. އަދި 2023 ވަނަ އަހަރު އޭނާގެ އުފަން ރަށް ގދ. ވާދޫ ފުރަތަމަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލަށް ގެންދިއުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.
ހެޑް ކޯޗު އަހުމަދު ނިޔާޒް (ނިޔާ) ގެ މިއަަހަރުގެ ފުޓްސަލް ފައިނަލް ސްކޮޑުގައި އަޔާގެ އިތުރުން ވެސް އަލަށް ފުޓްސަލް ޓީމުން ފުރުސަތު ލިބުނު ހަތަރު ކުޅުންތެރިން ހިމެނެއެވެ.
އެ ހަތަރު ކުޅުންތެރިންނަކީ ވެސް ފުޓްބޯޅައިން މަގުބޫލުކަން ހޯދި އަލީ ޝަމާލް އަބްދުﷲ (ޝަންމު) އާއި މުހައްމަދު ފާސިރު (ފާއްޓޭ) އަދި އަހުމަދު ރާހިލް ރަޝީދުގެ އިތުރުން ގޯލްކީޕަރު އަބްދުﷲ ޒިމާމްއެވެ.



