އުމުރުން ދުވަސްވުމާ ބެހޭ ޤައުމީ ސިޔާސަތު (ނޭޝަނަލް ޕޮލިސީ އޮން އޭޖިންގް) ލޯންޗުކޮށްފިއެވެ.
މިއީ އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީ އާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދި ޕެސިފިކް (ޔުނެސްކެޕް) ގުޅިގެން އުމުރުން ދުވަސްވީ މީހުންގެ ދުޅަހެޔޮކަމާއި ކަރާމާތާއި އިޖުތިމާޢީ ގުޅުންތައް ހަރުދަނާކުރުމަށް އެކުލަވާލާފައިވާ ޚާއްސަ އޮނިގަނޑެކެވެ.
މި ޕޮލިސީ ލޯންޗުކޮށްދެއްވާފައިވަނީ ޔުނައިޓަޑް ނޭޝަންސް ރެސިޑެންޓް ކޯޑިނޭޓަރ ޓު ދަ ރިޕަބްލިކް އޮފް މޯލްޑިވްސް، މރ. ހާއު ޖަންގ އެވެ.
އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން ބުނީ ނެޝަނަލް ޕޮލިސީ އޮން އޭޖިންގައި ހިމެނޭ މުހިންމު ބައެއް ސިޔާސަތުތަކުގެ ތެރޭގައި، އުމުރުން ދުވަސްވީ މީހުންނަކީ ހަރަކާތްތެރި ދުޅަހެޔޮ ބަޔަކަށް ހެދުމަށް، އެމީހުންގެ އުމުރާ އެކަށީގެންވާ، ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާއާއި ދިގު މުއްދަތުގެ ފަރުވާގެ ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބޭކަން ކަށަވަރުކުރުން ހިމެނޭ ކަމަށެވެ.
އަދި އެފަރާތްތަކަށް ދިގުމުއްދަތައް ދެމިގެންދާ ތަޢުލީމާއި ހުނަރު ތަރައްޤީކުރުމުގެ މަގު ތަނަވަސްކޮށްދިނުން ހިމެނޭކަމަށް މިނިސްޓްރީން ބުނެއެވެ.
“މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަކީ މާލީ ގޮތުން ފުދުންތެރި ބައެއްކަން ކަށަވަރުކުރުމަށް، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތަކާއި، ޕެންޝަންތަކާއި، އިޤްތިޞާދީ ގޮތުން ބައިވެރިވުމުގެ ފުރުޞަތުތައް ހިމެނޭގޮތަށް އާމްދަނީގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކޮށް ފުޅާކުރުމަކީ ވެސް މި ޕޮލިސީގައި ހިމެނޭ މުހިންމު ސިޔާސަތެއް“ މިނިސްޓްރީން ބުނެފައި ވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ މި ޕްލޭން ތަންފީޒް ކުރެވުމުން އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައް އިތުރަށް ރައްކާތެރިކުރުމަށް ބާރު އަޅާ، އެ ފަރާތްތަކަށް ދުޅަހެޔޮ ޞިއްޙަތެއް ކަށަވަރުކޮށްދީ މުޖުތަމަޢުގެ ހަރަކާތްތަކުގައި ބައިވެރިވުން އިތުރުކުރެވޭނެ ކަމަށެވެ.
“މި ޕްލޭން ތަންފީޒު ކުރެވުމުން އެމީހުންނަކީވެސް އެހެން ބަޔަކަށް ބަރޯސާނުވެ ބާރުވެރި ދިރިއުޅުމެއް އުޅޭ ބަޔަކަށް ވެގެންދާނެ“ މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާބާދީގެ އުމުރު މަތިވަމުންދާ ކަމަށާއި ރާއްޖެއަށް ވެސް މި ބަދަލުތައް އަންނަމުން ދާކަމުގައި މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން 2030 ވަނަ އަހަރާ ހަމައަށް އާބާދީގެ %7 އަކީ ދޮށީ އުމުރުގެ މީހުން ކަމުގައިވާނެ ކަމަށާއި، 2050 ވަނަ އަހަރާ ހަމައަށް މި ނިސްބަތް ދެގުނައަށް އިތުރުވެ %14 އަށް އަރާނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މި ހިސާބުތަކުން ދައްކުވައިދެނީ ޞިއްޙީ ދާއިރާއާއި އިޖުތިމާޢީ ތަރައްޤީގެ ރޮނގުން ރާއްޖެ ހޯދާފައިވާ ފާހަގަކޮށްލެވޭ ކުރިއެރުންތައް ކަމަށާއި މުސްތަޤުބަލުގައި އުމުރުން ދުވަސްވީ މީހުންނަށް ބާރުވެރިކަމާއި، ޢިއްޒަތާއި، ޝާމިލުވުމާއި، ރައްކާތެރިކަމާއެކު ދިރިއުޅުމަށް ތައްޔާރުވުމުގެ މުހިންމުކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
ނޭޝަނަލް ޕޮލިސީ އޮން އޭޖިންގް ލޯންޗުކުރުމަށް ފަހު، 17 އަދި 18 ވަނަ ދުވަހު މި ޕްލޭންގެ ވެލިޑޭޝަން ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ވެލިޑޭޝަން ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ނޭޝަނަލް އެކްޝަން ޕްލޭން އޮން އޭޖިންގް ތަންފީޒުކުރުމުގެ ކުރިން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް އެންމެފަހުގެ ނިންމުންތައް ނިންމުމެވެ.
މި ޕްލޭންގެ ޑްރާފްޓް ޕްލޭނަކީ މެޑްރިޑް އިންޓަނޭޝަނަލް ޕްލޭން އޮފް އެކްޝަން އޮން އޭޖިންގް ފަދަ ބައިނަލްއަގްވާމީ ބޮޑެތި އޮނިގަނޑުތަކާ އެއްގޮތަށް އެކުލަވާލާފައިވާ ޕްލޭނެކެވެ.



