ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3164 ފަރާތަކާއެކު ފްލެޓް އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެ ކޯޕަރޭޝަނުން ތަރައްޤީކުރި 4,000 ސޯޝަލް ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ އަދަދުގެ ތަފާސް ހިސާބު ހިއްސާކޮށްފައެވެ.
އެގޮތުން އެފްޑީސީން ބުނީ މިހާތަނަށް 3164 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި ޖުމްލަ 3164 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ތަވާލުކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.
ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅަނީ ހައުސިންގ މިނިސްޓްރީން ކަމަށްވާއިރު، މިހާތަނަށް 2،665 މީހުންގެ ލިސްޓެއް އެ މިނިސްޓްރީން އެފްޑީސީއަށް ވަނީ ފޮނުވާފައެވެ.
މި 4،000 ފްލެޓު މަޝްރޫޢުގެ ކޮންޓްރެކްޓަރުންނަކީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިންނެވެ.
16 ޓަވަރު ހިމެނޭ ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތަކުގެ ތެރެއިން 3 ކޮޓަރީގެ ފްލެޓު ދޫކުރުމުގައި 76 މާކްސްއަށްވުރެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް އިސްކަންދިނުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. އޭގެ ފަހުން ބާކީވާ ފްލެޓުތައް 75 އަށްވުރެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ދޫކުރުމަށް ވަނީ ނިންމާފައެވެ.
އަދި 2 ކޮޓަރީގެ ފްލެޓުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ 73 މާކްސްއިން މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.




