ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ އަށް ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފުރާވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
އަދި މި ދަތުރުފުޅުގައި، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ.
މި ދަތުރުފުޅުގައި، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރި އަދި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ 31 ރަށަށް އެ މަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.
އެގޮތުން، ފެލިދެއަތޮޅު ފުލިދޫ، ތިނަދޫ، ފެލިދޫ، ކެޔޮދޫ އަދި ރަކީދޫއަށް އެމަނިކުފާނު މިދަތުރުފުޅުގައި ވަޑައިގަންނަވާނެއެވެ. ނިލަންދެއަތޮޅު އުތުރުބުރީގައި މީހުން ދިރިއުޅޭ، ފީއަލި، ބިލެތްދޫ، މަގޫދޫ، ދަރަނބޫދޫ، ނިލަންދޫ އަދި، މުލަކަތޮޅުން، ދިއްގަރު، މަޑުއްވަރި، ރަތްމަންދޫ، ވޭވަށް، މުލައް، ކޮޅުފުށި، ނާލާފުށި އަދި މުއްޔަށްވެސް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން ކޮޅުމަޑުލު ބުރުނި، ވިލުފުށި، މަޑިފުށި، ދިޔަމިގިލި، ގުރައިދޫ، ކަނޑޫދޫ، ވަންދޫ، ހިރިލަންދޫ، ގާދިއްފުށި، ތިމަރަފުށި، ވޭމަންޑޫ، ކިނބިދޫ އަދި އޮމަދޫ އަށްވެސް ރައީސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.



