އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕްގައި އިސްރާއީލު ބައިވެރިވެއްޖެނަމަ، ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމު އެ މުބާރާތުން ވަކިވާނެކަމުގެ އިންޒާރު އެ ގައުމުގެ ސަރުކާރުގެ އިސްވެރިން ދީފިއެވެ.
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން، އެ ގައުމު ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކުން ވަކިކުރަންޖެހޭ ކަމަށެވެ. އަދި 2022 ވަނަ އަހަރު ޔުކްރެއިނަށް އަރައިގަތުމާ ގުޅިގެން ރަޝިޔާއާ މެދު އަމަލުކުރި ފަދައިން، އިސްރާއީލާއި މެދުވެސް އަމަލުކުރަންޖެހޭނެ ކަމަށް ސަންޗޭޒް ވިދާޅުވިއެވެ.
ޔޫރަޕްގެ ޗެމްޕިއަންކަން މިހާރު ހޯދާފައިވާ ސްޕެއިނަކީ 2026 ވޯލްޑް ކަޕް ކާމިޔާބުކުރާނެ ކަމަށް ބެލެވޭ ގައުމުތަކުގެ ތެރޭގައި އެންމެ ކުރީގައި އޮތް އެއް ގައުމެވެ. މިހާރު ކުރިއަށްދާ ކޮލިފައިންގ މެޗުތަކުގައިވެސް ސްޕެއިން ދައްކަމުންދަނީ ވަރަށް ރަނގަޅު ކުޅުމެކެވެ.
އިސްރާއީލަށް ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު އެބައޮތެވެ. މިވަގުތު އެ ގައުމު އޮތީ ކޮލިފައިން ގްރޫޕުގެ ތިންވަނައިގައެވެ. ގްރޫޕު ލީޑަރު ނޯވޭއަށްވުރެ ހަ ޕޮއިންޓް ފަހަތުގައި އޮތްއިރު، ދެވަނައިގައި އޮތް އިޓަލީއާ އެއްވަރަށް އިސްރާއީލުން ވަނީ ޕޮއިންޓް ހޯދާފައިވެއެވެ.
ބާކީ އޮތް ތިން މެޗުގައި ރަނގަޅު ނަތީޖާ ހޯދައިފިނަމަ، އިސްރާއީލަށް ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު އޮތްކަމަށް ބެލެވެއެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ތާރީޚުގައި ފުރަތަމަ ފަހަރަށް ތިން ގައުމެއްގައި ބާއްވާ ވޯލްޑް ކަޕެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައެވެ.




