މި ސަރުކާރުން ފަށާފައިވާ 5 މިލިއަން ގަސް މަޝްރޫޢުގެ ދަށުން ތިނަދޫ ސިޓީގައި 450 ގަސް އިންދައިފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްެރީން ބުނީ ތިނަދޫ ސިޓީ ކައުންސިލްގެ ފަރާތުން، އެ ރަށުގެ އެކި އެކި މުއައްސަސާތަކާ ގުޅިގެން، 5 މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ގަސް އިންދުމުގެ ޚާއްސަ ޙަރަކާތެއް އިއްޔެ ހިންގާފައިވާ ކަމަށެވެ.
އެގޮތުން މި ޙަރަކާތުގައި ޖުމްލަ 450 ގަސް އިންދާފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެެއެވެ.
މި ޙަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ، ތިނަދޫ ސިޓީގެ އެކި ސަރަޙައްދުތަކާއި، އާންމު ތަންތަނާއި، ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ގޯތިތެރޭގައެވެ. ތިނަދޫ ސިޓީ ކައުންސިލުން ބުނީ މި މަޝްރޫޢުގެ ދަށުން ތިނަދޫ ސިޓީ އިތުރަށް ހެޔޮ ގޮތުގައި ތަރައްޤީކޮށް، ގަސްގަހާގެހިން ފެހިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މިނިސްޓްރީން ބުނީ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ރާއްޖެއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ މަޝްރޫއެއް ކަމަށާއި ޚާއްސަކޮށް މާހައުލު ރައްކާތެރިކުރުމާއި، ސާފު ވައިގެ މިންވަރު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
މީގެ އިތުރުން މިފަދަ ޙަރަކާތްތަކަކީ ރައްޔިތުންގެ މެދުގައި މާހައުލު ރައްކާތެރިކުރުމުގެ ހޭލުންތެރިކަން އިތުރުކޮށް، ގަސް އިންދުމުގެ ސަޤާފަތް ދިރުވުމަށްވެސް އެހީތެރިވެދޭނެ ކަމެއް ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.



