ފުޓްބޯޅަ ދުނިޔޭގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ބެލަންޑޯގެ 69 ވަނަ ރަސްމިއްޔާތު، މާދަމާ ރޭ ޕެރިހުގެ ތިއާޓްރެ ޑޫ ޝާޓެލޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ރާއްޖެ ގަޑިން ރޭގަނޑު 1:00 ގައި ފެށޭ މި ރަސްމިއްޔާތަކީ 1956 ވަނަ އަހަރުން ފެށިގެން ފްރާންސް ފުޓްބޯޅައިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ރަސްމިއްޔާތެކެވެ.
ޔޫއެފާ، ފްރާންސް ފުޓްބޯޅަ އަދި ލެކިޕް ގުޅިގެން އިންތިޒާމުކުރާ މި ރަސްމިއްޔާތުގައި 2024/25 ސީޒަނުގެ އެންމެ މޮޅު ފިރިހެން އަދި އަންހެން ކުޅުންތެރިންނަށް އެވޯޑް ދިނުމުގެ އިތުރުން، ގޯލްކީޕަރުންނާއި ޒުވާން ކުޅުންތެރިންނާއި އެންމެ ގިނައިން ގޯލު ޖެހި ކުޅުންތެރިންނަށް ވެސް އެވޯޑް ދެވޭނެއެވެ.
މީގެ އިތުރުން އަހަރުގެ އެންމެ މޮޅު ކްލަބްތަކާއި އިންސާނީ ޚިދުމަތުގެ އެވޯޑް، އަދި ސޮކްރެޓިސް އެވޯޑް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ ފިރިހެން ބެލަންޑޯ އެވޯޑަށް 30 ކުޅުންތެރިން ނޮމިނޭޓްވެފައިވާއިރު، އޭގެ ތެރޭގައި ޖޫޑް ބެލިންހަމް، އާލިން ހާލަންޑް، ހެރީ ކޭން، ކިލިއަން އެމްބާޕޭ، މުހައްމަދު ސަލާހް އަދި ވީނީސިއަސް ޖޫނިއާ ފަދަ މަޝްހޫރު ކުޅުންތެރިން ހިމެނެއެވެ.
މިހާތަނަށް މި އެވޯޑް އެންމެ ގިނައިން ހާސިލުކޮށްފައިވަނީ އާޖެންޓީނާގެ ސުޕަރ ސްޓާރ ލިއޮނަލް މެސީއެވެ. މެސީ ވަނީ މިއެވޯޑު 8 ފަހަރަށް ކާމިޔާބުކޮށްފައެެވެ.
ފުޓްބޯޅަ ދުނިޔޭގެ އެންމެ ފޯރިގަދަ އެއް ރަސްމިއްޔާތު ކަމަށްވާ ބެލަންޑޯ ރަސްމިއްޔާތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފުޓްބޯޅަ ސަޕޯޓަރުން އިންތިޒާރު ކުރަމުންދާއިރު، މި އަހަރުގެ ބެލަންޑޯ ލިބޭނީ ކާކަށްތޯ ބެލުމަށް އެންމެން ވެސް ވަނީ ތައްޔާރުވެފައެވެ.




