ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ފެރީގެ ޚިދުމަތް ތ. އަތޮޅުގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ތ. އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފެށުމާއެކު، މީހުން ދިރިއުޅޭ 13 ރަށަކަށް މި ޚިދުމަތް ލިބިގެންދާނެއެވެ. މިއާއެކު ރާއްޖޭގެ 12 އަތޮޅެއްގެ 94 ރަށެއް އާރުޓީއެލް ފެރީގެ ވިއުގައިން ގުޅާލެވިފައިވެއެވެ.

ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ މަޝްރޫޢު ކުރިއަށްދަނީ 6 ޒޯނަކަށް ބަހާލައިގެންނެވެ. ތ. އަތޮޅު ހިމެނެނީ ޒޯން 4 ގައެވެ. މި ޒޯނުގައި ތ. އަތޮޅުގެ އިތުރުން މ، ފ، ދ އަދި ލ. އަތޮޅު ހިމެނެއެވެ.
ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް (ޖައިކާ) އިން ދަނީ ޒޯން 4 ގައި ހިމެނޭ އަތޮޅުތަކުގައި ޚިދުމަތް ފެށުމަށް ބޭސްލައިން ސަރވޭއެއް ހެދުމުގެ މަސައްކަތްކުރަމުންނެވެ.
އާރުޓީއެލްގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ގުޅިގެންނެވެ. މި ޚިދުމަތް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީ މެދުވެރިކޮށެވެ.
އާރުޓީއެލް ފެރީ ނެޓްވޯކް ގާއިމުކުރުމަކީ ސަރުކާރުގެ ”ނަހަމަ ފަރަގު ނައްތާލުމުގެ“ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.



