ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމްކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މިކަން އެމަނިކުފާނު އިއުލާނު ކުރެއްވީ ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ވޭމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި މި މަރުކަޒުތައް ގާއިމްކުރާނީ އެ ރަށެއްގެ އާބާދީގެ ނިސްބަތުންނާއި، ބިން އޮތް މިންވަރަކާއި، އަދި އެ ރަށެއްގައި ހުރި ވަސީލަތްތަކަށް ރިއާޔަތްކޮށެވެ.
”އެބަހުރި ވަރަށް އާބާދީ ކުޑަ، ޖާގާ ނެތް ރަށްރަށް ވެސް. އެހެންވީމަ އެ ހުރިހާ ކަމެއްގެ ހަގީގަތް މައްޗަށް ރިއާޔަތްކޮށް މި ވާހަކަ މި ދެއްކީ،“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ފާހަގަކުރެއްވި ގޮތުގައި މިހާރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަސްތައް ގާއިމްކުރެވި، އޭގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
”އިސްލާމިކް ލާނިންގް އިތުރު ކުރަން، ޒަމާނަށް ފެތޭ ގޮތަށް އިސްލާމް ދީން ވަރުގަދަކޮށް ކިޔަވާދޭން އަޅުގަނޑުމެން ބޭނުން. އެހެން ދިމާލަކަށް ދާކަށް ބޭނުމެއް ނޫން. އިސްލާމް ދީނަކީ ހައްލަކީ،“ރައީސް ވިދާޅުވިއެވެ.
އަދި މާލޭގައި ގުރުއާނަށް ހާއްސަ ވަގުފް އިމާރާތެއް އެޅުމަށްޓަކައި ބޭނުންވާ ބިން އިސްލާމިކް މިނިސްޓްރީގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމަށާއި، މި އިމާރާތް އެޅުމަށް ސަރުކާރުގެ އެހީތެރިކަން ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި އިމާރާތުން ދީނީ ގިނަ ހިދުމަތްތަކެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.



