މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެމްބަރުންގެ މަގާމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފިއެވެ.
މީޑިއާ ކޮމިޝަނަށް މުޅިއަކު ހަތް މެންބަރުން ކަނޑައަޅާއިރު، އޭގެ ތެރެއިން ތިން މެންބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ބާކީ ތިބި ފަސް މެންބަރުން އައްޔަނު ކުރާނީ މީޑިއާތަކުގެ މެދުގައި ނަގާ ވޯޓުންނެވެ. މިއީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ނަގާ މަގާމުތަކެކެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ބުނި ގޮތުގައި، މީޑިއާ ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެމްބަރުކަމަށް ކުރިމަތިލެވޭނީ އަންނަ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ.
އެގޮތުން އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭޝަނާއެކު އިގްރާރާއި ކުށާއި ދަރަނީގެ ރިކޯޑު ފޯމާއި އެ ފަރާތެއްގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއި ވަނަވަރާއި ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ވެސް ހުށަހަޅަން ޖެހެއެވެ.
މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް:
° ދިވެއްސަކަށްވުން
° އުމުރުން 30 އަހަރު ފުރިފައިވުން
° މީޑިއާއެއްގެ މަސްއޫލުވެރި ފަރާތަކަށް ނުވަތަ އެޑިޓަރަކަށް ނުވުން
° އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއް ފުރަމުންދާ މީހަކަށް ނުވުން
° ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން
° އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކަށް ނުވުން
° މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކަށް ނުވުން
° ކުޑަކުދިންގެ ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކަށް ނުވުން
° ހިޔާނާތުގެ ނުވަތަ ރިޝްވަރުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކަށް ނުވުން
° ކޮމިއުނިކޭޝަނާއި މީޑިއާގެ ހިދުމަތްދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތް މީހަކަށް ނުވުން



