މާލީ ދާއިރާއާބެހޭ މަޒުމޫނު މުބާރާތެއް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ފަށައިފިއެވެ.
މިއީ ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުންނަށް ހާއްސަކޮށްގެން ފެށި މުބާރާތެކެވެ.
އެމްއެމްއޭ އިން ބުނިގޮތުގައި މިއީ އެ ބޭންކުން ކުރިއަށްގެންދާ ތަމްވީލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވްގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި މުބާރާތުގެ މައިގަނޑު މަގްސަދަކީ، ޒުވާނުން، ވަކިން ހާއްސަކޮށް ކިޔަވާކުދިންގެ މެދުގައި މާލީ ދާއިރާއާ ދޭތެރޭ އިލްމީ ނަޒަރަކުން ވިސްނައި އަދި މާލީ މުސްތަގްބަލެއް ތަސައްވަރުކުރުމަށް ބާރުއެޅުން ކަމުގައި ވެސް އެމްއެމްއޭ އިން ބުނެފައިވެއެވެ.
ގްރޭަޑް 8 އިން 12އަށް ކިޔަވާ ދަރިވަރުންނަށް މި މުބާރާތް ވަނީ ހުޅުވާލާފައެވެ.
މި މުބާރާތް ކުރިއަށްދަނީ ދެ ގިންތިއަކަށް ބާހާލައިގެންްނެވެ. އެގޮތުން ޖޫނިއަ ގިންތީގައި ހިމެނޭނީ ގްރޭޑް 8 އިން 10ގެ ދަރިވަރުންނެވެ. އަދި ސީނިއަ ގިންތީގައި ހިމެނޭނީ ގްރޭޑް 11 އަދި 12ގެ ދަރިވަރުންނެވެ.
ހުރިހާ މަޒުމޫނެއް ވެސް ލިޔާނީ އިނގިރޭސި ބަހުންނެވެ.
މުބާރާތުގެ ބައިވެރިން ލިޔާ މަޒުމޫނުތަކަކީ އެ ބައިވެރިއެއްގެ އަމިއްލަ ލިއުމަކަށް ވާން ޖެހޭނެއެވެ. އެއީ ކުރިން ޝާއިއުކޮށްފައިނުވާ އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ން އުފައްދާފައިނުވާ ލިޔުމަކަށް ވާން ޖެހޭނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.
މި މަޒުމޫނުތައް ހުށަހެޅުމަށް:
° 700 އާއި 1،200 ލަފުޒުގެ ދެމެދުގެ މަޒުމޫނަކަށް ވާން ޖެހެއެވެ.
° ޓައިމްސް ނިއު ރޯމަން ފޮންޓުގައި، އިނގިރޭސި ބަހުން ލިޔެފައިވާ ފޮންޓަކަށް ވާން ޖެހެއެވެ.
° ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނީ ދަރިވަރުގެ މައުލޫމާތު ހިމެނޭ ކަވަރު ޕޭޖަކާއި އައިޑީ ކާޑުގެ ކޮޕީއަކާ އެކުގައެވެ.
° އަންނަ މަހު 9ގެ ނިޔަލަށް tamweel@mma.gov.mv އަށް އީމެއިލްކޮށްގެން މަޒުމޫން ހުށަހެޅޭނެއެވެ.
މި މުބާރާތުގެ ކޮންމެ ގިންތިއަކަށް ލިބޭ އިނާމުތަކުގެ ތެރޭގައި:
އެންމެ މޮޅު މަޒޫމޫނަށް 3،000ރ.
ދެވަނައަށް 2،000ރ.
ތިންވަނައަށް 1،000ރ.
ކޮންމެ ގިންތިއަކުން ވެސް ހާއްސަ މަޒުމޫނަކަށް 500ރ.



