ޓެކްނިކަލް މައްސަލައެއް ދިމާވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަންނަ ޖަންކްޝަންގައި ހަރުކޮށްފައިވާ ޓްރެފިކް ލައިޓް ނުދިއްލޭތީ އެ ސަރަހައްދުން ދަތުރުކުރާ މީހުން ސަމާލުވާން ފުލުހުން އެދިއްޖެއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެ، ސިނަމާލެ ބްރިޖްމަތިން ދުއްވާފައި ގޮސް ވެލާނާ އެއާޕޯޓަށް ވަންނަ ޖަންކްޝަންގެ ޓްރެފިކް ލައިޓް ނުދިއްލޭތީ އެ ސަރަހައްދުގެ ޓްރެފިކް ބަލަހައްޓަން ޓްރެފިކް ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެހެންކަމުން ބްރިޖުން ދަތުރުކުރާ ފަރާތްތަކުން މި ކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، ފުލުހުންގެ އިރުޝާދުތަކަށް ތަބާވުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.



