ސިބްކޯ ކުންފުނިން، ރާއްޖެ ޓީވީއަށް ބައި މިލިއަނެއްހާ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި މިއީ ރާއްޖެޓީވީން ސިބްކޯއަަށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކަކަށް ފައިސާ ނުދައްކައިގެން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޮށްފައިވާ ހުކުމެކެވެ.
މި މައްސަލައާ ގުޅޭގޮތުން ސިވިލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ މިއީ، 2021 ވަނަ އަހަރުގެ ތެރޭގައި ރާއްޖެ ޓީވީން ފޮނުވި ކޯޓޭޝަނަކަށް ބިނާކޮށް، ހޯދި ޚިދުމަތާ ގުޅޭ ފައިސާގެ މައްސަލައެއް ކަމަށެވެ.
އެގޮތުން އެ އަހަރުގެ ޖަނަވަރީ މަހު ފޮނުވި ކޯޓޭޝަނާ ގުޅޭ އެއްބަސްވުމުގައި ޖެހިގެން އައި އަހަރު ސޮއި ކޮށްފައިވީނަމަވެސް، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި 378،900 ރުފިޔާ އޮތީ ނުދައްކައެވެ.
މި ފައިސާ ހޯދަން ރާއްޖެ ޓީވީން ދައުވާ ކުރި މައްސަލައިގެ ލިޔުންތައް ސިބްކޯ ކުންފުންޏަށް ލިބިފައިވީނަމަވެސް އެ ކުންފުނިން ދައުވާއަށް ޖަވާބެއް ދީފައެއް ނުވެއެވެ. އަދި ޝަރީއަތަށްވެސް ހާޒިރެއް ނުވެއެވެ.
އެހެންކަމުން މި މައްސަލަ ނިންމާފައިވަނީ ވެސް ސިބްކޯ ކުންފުނީގެ ޣައިރު ހާޒިރުގައެވެ.
މި މައްސަލައާ ގުޅޭގޮތުން ސިވިލް ކޯޓުގެ ގާޒީ އަޒްފާ އަބްދުލްގަފޫރު ނިންމެވީ، އެއް މަސް ދުވަހުގެ ތެރޭގައި 378،900 ރުފިޔާއާއި ޝަރިއަތުގެ ޚަރަދުގެ ގޮތުގައި 10،800 ރުފިޔާ ހިމެނޭހެން ޖުމްލަ އެކު 389،700 ރުފިޔާ ދައްކަން ސިބްކޯއަށް އަމުރުކޮށެވެ.



