އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި ބޭނުންކުރާނެ ރަސްމީ ބޯޅަ އެޑިޑާސްއިން ދައްކާލައިފިއެވެ.
”ޓްރިއޮންޑާ“ ގެ ނަމުގައި ތައާރަފުކޮށްފައިވާ މި ބޯޅައިން މުބާރާތް ބާއްވާ ތިން ގައުމުގެ ކުލަތައް ރަމްޒުކޮށްދެއެވެ.
އެޑިޑާސްއިން ބުނީ މި ބޯޅައިގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްފައިވާ ކަމަށެވެ. އެގޮތުން 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި ބޭނުންކުރި ބޯޅައެކޭ އެއްފަދައިން މި ބޯޅައިގައި ވެސް ކަނެކްޓަޑް ބޯލް ޓެކްނޮލޮޖީ ހިމަނާފައިވެ އެވެ. މި ޓެކްނޮލޮޖީގެ ސަބަބުން މެޗު ކުޅެމުންދާ ވަގުތު ބޯޅައިގެ ހުރިހާ މޫވްމަންޓެއްގެ މައުލޫމާތު ވަގުތުން ނަގައިގަނެ، އެ މައުލޫމާތު ވީއޭއާރު ސިސްޓަމަށް ފޯރުކޮށްދޭނެ އެވެ.
އެޑިޑާސްއިން ފާހަގަކުރި ގޮތުގައި މި ޓެކްނޮލޮޖީގެ ސަބަބުން ވީއޭއާރު ނިންމުންތަކާއި އޮފްސައިޑް ފަދަ މުހިއްމު ނިންމުންތައް ރަނގަޅަށް ނިންމުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ޓީމުތަކެއް ބައިވެރިވާ މުބާރާތް ވެގެންދާނެއެވެ. މި މުބާރާތުގައި 48 ޓީމަކުން ވާދަކުރާއިރު، ޖުމްލަ 104 މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ 16 ސިޓީއެއްގައެވެ.
ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 11 ވަނަ ދުވަހު އެވެ. އަދި މުބާރާތް ނިމޭނީ ޖުލައި 19 ވަނަ ދުވަހުއެވެ.



