ރާއްޖޭގައި ފަތުރުވެރިކަން ތަރައްގީކުރުމުގައި ގައުމުގެ ރީތިކަމާއި އާދަކާދަ ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.
މިއަދު ފާހަގަކުރެވޭ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ އެ ސިނާތުގެ އެހާރާއި މިހާރުގެ ހިދުމަތްތެރީންނަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަަމަށެވެ.
އަދި ފަތުރުވެރިކަން ރާއްޖޭގައި އިތުރަށް ތަރައްގީކުރުމުގައި، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ގައުމުގެ އަމާންކަމާއި، ދިވެހީންގެ ރީތި އާދަކާދަތައް ހިމާޔަތްކޮށްގެން ކުރިޔަަށް ދިޔުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.
1972 ވަނަ އަހަރު ފެށުނު ރާއްޖޭގެ ފަތުރުވެރިކަމަށް މިހާރު ވަނީ ބައި ގަރުނަށްވުރެ ގިނަ ދުވަސްވެފައެވެ. މި މުއްދަތުގައި ރާއްޖެއިން ވަނީ މި ސިނާއަތުގައި ގިނަގުނަ ކުރިއެރުންތަކެއް ހޯދާފައެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 12.7 އިންސައްތައިގެ ކުރިއެރުމެކެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު 5,998 ފަތުރުވެރިން ޒިޔާރަތްކުރާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދަށް ބަލާއިރު، މި އަމާޒަށް ވާސިލުވުމަށް ބޭނުންވަނީ އިތުރު 580,503 ފަތުރުވެރިންނެވެ.



