ވޯލްޑް ކަޕް ކޮލިފައިންގައި ލެޓްވިއާ އާއި ވޭލްސްއާ ދެކޮޅަށް ކުޅެން އެކުލަވާލި އިނގިރޭސި ގައުމީ ޓީމުން ރެއާލް މެޑްރިޑްގެ ތަރި ޖޫޑް ބެލިންހަމްއަށް ފުރުސަތެއް ނުލިބޭ ގޮތް ވެއްޖެއެވެ.
އަނިޔާއިން އަރައިގަނެ އަލުން ކުޅެން ފަށާފައިވީ ނަމަވެސް މިފަހަރު އެކުލަވާލި އިނގިރޭސި ސްކޮޑުން އޭނާއަށް ޖާގައެއް ލިބިފައެއް ނުވެއެވެ.
އިނގިރޭސި ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިނގިރޭސި ސްކޮޑުން ބެލިންހަމްއަށް ފުރުސަތު ނުދިނުމަށް ރެއާލް މެޑްރިޑުން ބާރުއަޅާފައިވެއެވެ. މިއީ ކުޅުންތެރިޔާ ފަރުވާއަށް ފަހު އަލުން ކުޅެން ނުކުތް ދަނޑިވަޅެއްގައި އިތުރު އަނިޔާއެއް ވެއްޖެނަމަ، ސީޒަނުގެ ފަހު ބައިގައި ކުލަބަށް އޭގެ ނޭދެވޭ އަސަރު ފޯރާފާނެތީއެވެ.
ނަމަވެސް އިނގިރޭސި އެހެން މީޑިއާތަކުން ހާމަކުރާ ގޮތުގައި ބެލިންހަމް ގައުމީ ޓީމަށް ނުނެގުމުގެ ފަހަތުގައި ހުރީ އާއިލީ މައްސަލަތަކެކެވެ.
”ބެލިންހަމްގެ ކޮއްކޮ ޖޯބް ބެލިންހަމް ޑޯޓްމުންޑްގައި ކުޅުނު މެޗު ބަލަން މަންމަ އާއި ބައްޕަ ދަނޑުގައި ތިބީ ވަކިވަކިން،“ އިނގިރޭސި ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
އަދި މިވަގުތު ޖޫޑް ބެލިންހަމް ބޭނުންވަނީ މަންމައަށް އެހީތެރިވުމަށް ގާތުގައި ހުންނަން ކަމަށްވެސް މީޑިއާތަކުން ފާހަގަކުރެއެވެ.
މިކަމާ ގުޅޭގޮތުން އިނގިރޭސި ކޯޗު ތޯމަސް ޓުޗެލް ވަނީ ކުރު ބަސްތަކަކުން ވާހަކަދައްކާފައެވެ.
”ބެލިންހަމް ނެތަސް އަޅުގަނޑުމެންނަށް މޮޅު ވެވިދާނެ،“ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެމުން ޓުޗެލް ބުނެފައިވެއެވެ.
އެހެންނަމަވެސް މި މައްސަލައާ ގުޅޭގޮތުން ބެލިންހަމް އަދި އޭނާގެ އާއިލާގެ ފަރާތުން އެއްވެސް ބަހެއް އަދި ލިބިފައެއް ނުވެއެވެ.
އަދި މި މައްސަލައިގައި ރެއާލް މެޑްރިޑުންވެސް ރަސްމީކޮށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.



