އާންމު ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ގަވާއިދާ ޚިލާފަށް އަމަލުކުރާ ފަރާތްތަކާމެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، އާންމު ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ގަވާއިދާ ޚިލާފަށް ބައެއް ފަރާތްތަކުން އަމަލުކުރަމުންދާ ކަމުގެ ޝަކުވާތައް އެ މިނިސްޓްރީއަށް ދަނީ ލިބެމުންނެވެ.
މިފަދަ ޝަކުވާތަކާއި މިނިސްޓްރީގެ މޮނިޓަރިންގ ނިޒާމުގެ ތެރެއިން ގަވާއިދާ ޚިލާފު އަމަލުތައް ސާބިތުވާ ފަރާތްތަކާމެދު މިހާރުވެސް ޤާނޫނީ ފިޔަވަޅުތައް އަޅަމުންދާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މިނިސްޓްރީން އިތުރަށް ބުނީ،، ކުރިއަށް އޮތްތަނުގައިވެސް މިފަދަ މައްސަލަތަކާ ގުޅިގެން އުޅަނދުގެ ވެރިފަރާތާއި، އުޅަނދު ދުއްވި ފަރާތުގެ އިތުރުން އުޅަނދު ޓެކްސީ ކުރުމަށް ރަޖިސްޓަރ ކޮށްފައިވާ ސެންޓަރުތަކާމެދުވެސް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
އާންމު ދަތުރުފަތުރުގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި އަދި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަކީ އެ މިނިސްޓްރީން ޚާއްސަ ސަމާލުކަމެއް ދޭ ކަމެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަދި މި ޚިދުމަތް ފޯރުކޮށްދޭ އެންމެހާ ފަރާތްތަކުން ޤާނޫނާއި ގަވާއިދުގެ ތެރެއިން އަމަލުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.



