މާލެ ސަރަހައްދުގައި ވަރަށް އަވަހަށް 12،000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށިގެންދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ބޯހިޔާވެހިކަމުގެ ސިޔާސަތާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަގަދައްކަވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވި ގޮތުގައި މި 12،000 ހައުސިން ޔުނިޓް އިމާރާތްކުރެވޭނީ ތިން މަޝްރޫއެއްގެ ދަށުންނެވެ.
އެގޮތުން ބީއެމްއެލްގެ ފައިނޭންސިންގ އާއެކު 3،000 ޔުނިޓް، އިންޑިއަން އެލްއޯސީގެ ދަށުން 4،000 ޔުނިޓް، އަދި ޕްރައިވެޓް ޑިވެލޮޕަރުންނަށް ބިންދޫކޮށްގެން ފަސްޓް ޓައިމް ހޯމް ބަޔަރުންނަށް ވިއްކުމަށް 5،000 ޔުނިޓް އިމާރާތްކުރެވޭނެއެވެ.
”ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބިނާވެފައިވަނީ މުޖުތަމައުގެ އެންމެންނަށްވެސް އެ ފަރާތަކަށް އެކަށީގެންވާ އަގެއްގައި ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ސަރުކާރުން ތަނަވަސްކޮށް ދިނުމަށް،“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ސްކީމްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި އަހަރު ހުޅުވާލާނެއެވެ. އަދި މިއީ ބޯހިޔާވެހިކަން ބޭނުންވެފައިވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލެވޭނެ ގޮތަށް ހުޅުވާލެވޭ ފުރުސަތަކަށްވާނެ ކަމަށާއި، މަޝްރޫއުތަކުގެ މަސައްކަތް ނިމެމުންދާ މިންވަރަކުން އެ ދަފްތަރުގެ ތަރުތީބުން ބޯހިޔާވެހިކަން ހަވާލުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މެދުފަންތީގެ އާއިލާތަކަށް ފުރަތަމަ ބޯހިޔާވަހިކަން ހޯދުމަށް މަގުފަހިކުރުމަށް ދެ ސްކީމެއް ހިންގުމަށް ކެބިނެޓުން ވަނީ ފާސްކޮށްފައެވެ.
މިނިސްޓަރު މުއްތަލިބް ފާހަގަކުރެއްވި ގޮތުގައި މިހާރު ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގު 4 މިލިއަން ރުފިޔާގައި ހުރިއިރު، މި މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭ ތިން ކޮޓަރީގެ އެޕާޓްމަންޓްތައް 2 މިލިއަނާއި 2.5 މިލިއަން ރުފިޔާއާ ދެމެދުގެ އަގެއްގައި ވިއްކުމަށް ވަނީ ރޭވިފައެވެ.



