ށ. ކޮމަންޑޫގައި އަލަށް ޤާއިމްކުރެވޭ އެއަރޕޯޓްގެ މަސައްކަތް އެއްވެސް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި، އެއަރޕޯޓް އެޅުމަށް ކަނޑައެޅިފައިވާ ސަރަހައްދުގައި މިހާރު ވަނީ ބިން ހިއްކުމުގެ މަސައްކަތް ފެށިފައެވެ. މި މަޝްރޫޢުގެ ދަށުން 48.8 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
”އެއަރޕޯޓް އެޅުމަށްޓަކައި މި ފެށި މަސައްކަތް ކުރިއަށްދާނީ މި ދެންނެވި ގޮތަށް. 48.8 ހެކްޓަރުގެ ބިން މިއަދު މި ފެށި މަސައްކަތް ނިމިގެންދާއިރު ހިކިގެންދާނެ،“ ރައީސް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ފުރަތަމަ މަރުހަލާގެ ގޮތުގައި މިހާރު ކުރިއަށްދަނީ ބިން ހިއްކުމަށްޓަކައި ވަށައިގެން ޙިމާޔަތްކުރުމަށް ޖަހަންޖެހޭ ވެލި ބަންޑުވަލް ޖެހުމުގެ މަސައްކަތް ކަމަށާއި މި މަސައްކަތަކީ އެއްވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވައުދުވެވަޑައިގެންފައިވަނީ ކޮމަންޑޫގެ އިތުރުން ށ. ބިލެތްފައްސާއި ށ. މިލަންދޫގައި އެއާޕޯޓެއް އެޅުމަށެވެ.
ބިލެތްފަހީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް އިއްޔެ ފެށިއިރު، މިލަންދޫގައި އެއާޕޯޓު އެޅުމުގެ މަސައްކަތް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ.



