ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ޕޯޗުގަލް އާއި ހަންގޭރީ ބައްދަލުކުރި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ދެ ގޯލާއެކު، މިހާތަނަށް ވޯލްޑް ކަޕް ކޮލިފައިންގައި އެންމެ ގިނަ ގޯލުޖަހާފައިވާ ކުޅުންތެރިޔާގެ ޝަރަފު އޭނާއަށް ލިބިއްޖެއެވެ.
ރޮނާލްޑޯ ރޭ ކާމިޔާބުކުރި ދެ ގޯލާއެކު، ވޯލްޑް ކަޕް ކޮލިފައިންގައި އޭނާ ޖެހި ގޯލުގެ ޖުމްލަ އަދަދު ވަނީ 41 އަށް އަރާފައެވެ. މިއާއެކު، މި ރެކޯޑު ކުރިން އޮތް ގުއާޓަމާލާގެ ފޯވާރޑް، ކާރލޯސް ރުއިޒް މިވަނީ 39 ގޯލާއެކު މި ލިސްޓުގެ ދެވަނައަށް ވެއްޓިފައެވެ.
އުމުރުން 40 އަހަރުގެ ރޮނާލްޑޯއަށް ރޭގެ މެޗަކީ އިތުރު ގޮތަކުން ވެސް ޚާއްޞަވާން އޮތް މެޗެކެވެ. އެއީ ހަންގޭރީ ބަލިކޮށް ވޯލްޑް ކަޕްގެ ޖާގައެއް ޔަޤީންކޮށްގެންނެވެ. ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި ލިވަޕޫލްއަށް ކުޅެމުން އަންނަ ޑޮމިނިކް ސޯބޯޒްލާއި ކާމިޔާބުކުރި ގޯލުން މެޗުގެ ނަތީޖާ 2-2އިން އެއްވަރުވުމާ ގުޅިގެން، މި އިންތިޒާރު މިވަނީ ދިގުލައިގޮސްފައެވެ.
ރޭގެ މެޗު އެއްވަރު ވިޔަސް، ޕޯޗުގަލް އޮތީ އެ ޓީމު ހިމެނޭ ގްރޫޕްގެ އެއްވަނައިގައި، 5 ޕޮއިންޓުގެ ލީޑެއްގައެވެ. އެ ޓީމަށް ބާކީ ދެ މެޗު އޮތްއިރު، ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ދެވަނަ ފުރުސަތު ޕޯޗުގަލްއަށް ދެން ލިބޭނީ 13 ނޮވެންބަރުގައި ރިޕަބްލިކް އޮފް އަޔަލޭންޑްއާ ދެކޮޅަށް ކުޅޭ މެޗުގައެވެ.
ރޮނާލްޑޯގެ ކެރިއަރުގައި މިހާތަނަށް 948 ގޯލު ކާމިޔާބުކޮށްފައިވާ އިރު، މީގެ ތެރެއިން 143 ގޯލަކީ ޤައުމީ ޓީމަށް އޭނާ ކާމިޔާބުކުރި ގޯލުތަކެވެ. ރޮނާލްޑޯ ޤައުމީ ޓީމަށް ކުޅެމުން އަންނަތާ 22 އަހަރުވެފައިވާއިރު، ޕޯޗުގަލްއާއެކު އޭނާ ވަނީ 2016ވަނަ އަހަރު ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން ރޮނާލްޑޯ ވަނީ ޔޫއެފާ ނޭޝަންސް ލީގު ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.




