ށ. މަރޮށީގައި މުޅިން އަލަށް އިމާރާތްކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މި ދެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެއްޓެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.
ފިޓްނަސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. މި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޭޖަރ (ރިޓަޔަޑް) މުހައްމަދު ނަޖާހާއި ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ބައިވެރިވެވަޑައިގަތެވެ.

މި މަޝްރޫއަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްގެ ދަށުން، އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީނާއި، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް އަދި ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ބައިވެރިވެވަޑައިގަތެވެ.

މި މަޝްރޫއަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ހިންގާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ރަށްރަށުގައި ޕޮލިސް ސްޓޭޝަންތަކާއި، ޕޮލިސް ޕޯސްޓުތަކާއި އަދި ޕޮލިސް ޑެސްކުތައް ގާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.




