ރާއްޖެއަށް ވަގަށް އެތެރެކުރުމުން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓު ގެއްލުނު މައްސަލައިގައި ހައްޔަރުކުރި މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖާ މުޢާޒު ޢަލީ އެ ކުންފުނިން ސަސްޕެންޑްކޮށްފިއެވެ.
މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މުއާޒުގެ މައްސަލަ ތަހުޤީގީ އިދާރާތަކުން ބަލަމުންދާއިރު، އޭނާގެ މައްސަލަ އިދާރީގޮތުން އެކުންފުނިން ތަޙްޤީޤުކުރަމުންދާކަމަށެވެ. އަދި އެކަމާއި ގުޅިގެން އޭނާ 30 ދުވަހުގެ މުއްދަތަށް ވަޒީފާއިން ސަސްޕެންޑުކޮށްފައިވާކަމަށްވެސް މިފްކޯއިން ބުންޏެވެ.
މުޢާޒް ސަސްޕެންޑުކުރުމާއި ގުޅިގެން އެކުންފުނީގެ މަސައްކަތްތަކަށް ބުރޫނާރާނެކަން ކަށަވަރު ގޮތުން މުއާޒުގެ ދަށުން ހިނގަމުންދިޔަ މަސައްކަތްތައް އެހެން މުވައްޒަފުންނާއި މިހާރު ހަވާލުކޮށްފައިވާކަމަށްވެސް މިފްކޯއިން ބުންޏެވެ.
މިފްކޯއިން ބުނީ، އެކުންފުނީގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަޒާހަތްތެރިކަމާއި ގުޅުންހުރި ކޮންމެ މައްސަލައެއްވެސް ޙާއްސަ ސަމާލުކަމެއް ދީގެން ބަލަމުންދާނެކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުތަކާއި، ކޯޕަރޭޓް ގަވަރނެންސްގެ އުސޫލުތަކާއި، ކުންފުނީގެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށް އޮތް ތަނުގައިވެސް އަޅަމުންދާނެކަމަށް އެކުންފުނިން ބުންޏެވެ.
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގުމުގައި އިސްކޮށް ހަރަކާތްތެރިވިކަަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ މުއާޒަކީ ނިމިދިޔަ ސަރުކާރުގައި ކަސްޓަމްސްގެ އިސް މަޤާމެއް އަދާކުރި މީހެކެވެ.
އެ މަޤާމުގައި ހުރި ދުވަސްވަރު ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ވަނީ މިމަހުގެ 12 ވަނަ ދުވަހު އޭނާގެ މައްސަލަ ޕީޖީއަށްވެސް ފޮނުވާފައެވެ.



