ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ހައްޖު ވިސާ ދޫނުކުރަން ސައުދީ ސަރުކާރުން ނިންމާފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވި ގޮތުގައި، ބޮޑެތި ބަލިތައް ހުންނަ ފަރާތްތަކަށް ވިސާ ދޫނުކުރާނެކަން ސައުދީ ހައްޖު މިނިސްޓްރީގެ ފަރާތުން އިއްޔެ ވަނީ އަންގާފައެވެ.
މީގެ ތެރޭގައި ހިތުގެ ބަލިތަކާއި، ކިޑްނީ ބައްޔާއި، ޑަޔަލިސިސް ހަދާ ފަރާތްތަކާއި، ނާރުގެ ބޮޑެތި ބަލިތަކާއި އަދި ހަނދާން ނެތޭ ބަލި ހުންނަ ފަރާތްތައް ހިމެނެއެވެ.
”ވިސާ ދޫކުރުން މިއީ ސަރުކާރުން އަދި ހައްޖު ކޯޕަރޭޝަނުން ކުރާނެ ކަމެއް ނޫން. އެއީ ސައުދީ އަރަބިއްޔާގެ އެކަމާ ގުޅޭ މުއައްސަސާތަކުން އެކަން ކުރާނީ. އެހެން ނަމަވެސް އެ ބޭފުޅުންގެ އެބަހުރޭ ޝަރުތުތަކެއް ކަނޑައަޅާފައި، އެ ޝަރުތުތައް ފުރިހަމަ ނުވާނަމަ ހައްޖު ވިސާ ނުލިބޭނެ،“ ޝަކީލް ވިދާޅުވިއެވެ.
މި އެންގުމާ ގުޅިގެން ހައްޖަށް ދިޔުމަށް ފުރުސަތު ލިބޭ މީހުންގެ މެޑިކަލް ކަންކަން ފުރިހަމަކުރުމަށްފަހު އެ ހުރިހާ މައުލޫމާތެއް ސައުދީ ހައްޖު މިނިސްޓްރީއާ ހިއްސާކުރަންޖެހެއެވެ. އަދި ހައްޖަށް ދިޔުމަށް ފުރުސަތު ލިބޭ ފަރާތްތަކަށް ކުރީ ބައިގައި މެޑިކަލް ޓެސްޓުތައް ހެދުމަށް އަންގަމުންދާ ކަމަށާއި، އިތުރު ޓެސްޓް ހަދަންޖެހޭނަމަ އެ ޓެސްޓުތައް ހެދުމަށް ހައްޖު ކޯޕަރޭޝަނުގެ މެޑިކަލް ޓީމުތަކުން އަންގާނެއެވެ.
އަދި ހައްޖުގެ ފުރުސަތު ލިބިފައިވާ މީހާއަށް ބޮޑު ބައްޔެއްގެ ސަބަބުން ހައްޖު ވިސާ ނުލިބޭކަން ސައުދީ ހައްޖު މިނިސްޓްރީން އަންގައިފި ހާލަތެއްގައި، އެމީހަކު ބޭނުންވާ އެހެން މީހަކަށް އެ ފުރުސަތު ދެވޭނެ ކަމަށްވެސް ޝަކީލް ވަނީ ފާހަގަކުރައްވާފައެވެ.



