އައްޑޫ ސިޓީ ކައުންސިލު އުފެދިފައިވާ ގޮތަށް ބަދަލު ގެނައުމަށް ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަށް ރީ-ރަޖިސްޓްރީވާން ހުޅުވާލި މުއްދަތުގެ ތެރޭގައި 255 މީހަކު އެކަމަށް އެދި ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު މިއަދު ވިދާޅުވެއްޖެއެވެ.
މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ވޯޓުގައި، ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ހުށަހެޅި 255 މީހުންގެ ތެރެއިން 248 މީހެއްގެ ރީ-ރަޖިސްޓްރޭޝަން ޕްރޮސެސް ވަނީ ނިމިފައިކަމަށް އީސީ ރައީސް ވިދާޅުވިއެވެ.
”އަޅުގަނޑު ދަންނަވާނީ އޭގެ ޒާތުގައި އެ ތަރުހީބު ރަނގަޅޭ. މިދެންނެވީ އެ ޝަޢުގުވެރިކަން އަޅުގަނޑުމެންނަށް ފެނެޔޭ، ވޯޓުގައި ބައިވެރިވުމާއި، ރައްޔިތުންގެ މި ނިންމުމުގައި 3 ރަށުގެ ރައްޔިތުން ބައިވެރިވުމުގެ އެ ޝަޢުގުވެރިކަންހުރި މިންވަރު އަޅުގަނޑުމެންނަށް ދޭހަކޮށްދޭ އޭގެންވެސް،“އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.
މި ވޯޓުގައި ޖުމްލަ 18 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގައި ކަލާފާނު ސްކޫލުގައި 7 ފޮށި، އައްޑޫ ސިޓީ ހުޅުދޫގައި 3 ފޮށި، މީދޫގައި 3 ފޮށި އަދި ފޭދޫގައި 5 ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިގޮތުގައި މި ވޯޓުގައި މޮނިޓަރުންގެ ގޮތުގައި 78 ފަރާތަކުންނާއި އޮބްޒާވަރުންގެ ގޮތުގައި 57 ފަރާތަކުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ.
އަދި ވޯޓުލުމުގެ އިދާރީ ހުރިހާ ތައްޔާރީތަކެއް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އީސީން ވަނީ ހާމަކުރައްވާފައެވެ.



