ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފެހެއްޓި 13.6 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް އެމްޕީއެލް ބަނދަރުން ގެއްލުނު މައްސަލައިގެ ތަޙުޤީޤުގައި ހައްޔަރުކޮށްފައިވާ، މިފްކޯގެ އިސް މަޤާމެއްގައި ހުރި މުއާޒު އަލީގެ ބަންދު މުއްދަތު 10 ދުވަހަށް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފިއެވެ.
މި މައްސަލައިގައި މުއާޒާއެކު ހައްޔަރުކޮށްފައިވަނީ އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުޙައްމަދު ވަޙީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަޙްމަދު އާރިފް (އާއްޓޭ) އަދި ކަސްޓަމްސްގެ މިހާރުގެ އިސް މުވައްޒަފު ޒިވާރު އިސްމާޢީލެވެ.
މުއާޒު ފިޔަވައި އެހެން މީހުންގެ ބަންދަށް ދީފައި ވަނީ 15 ދުވަހެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން، މި ހަތަރު މީހުންގެ މައްޗަށް ތުހުމަތުކުރެވެނީ އެމްޕީއެލްގެ ބެލުމުގެ ދަށުން ހުޅުމާލޭ ޕޯޓުގައި ހުރި ސިނގިރޭޓުތައް ”ވަގަށް“ގެންދިއުމަށް ފަންޑުކުރި ކަމުގެ ތުހުމަތެވެ. މި މައްސަލައާ ގުޅިގެން އެމްޕީއެލްގެ ހަ މުވައްޒަފަކު ވަނީ ސަސްޕެންޑް ކުރެވިފައެވެ.
މި މައްސަލައިގެ ތަޙުޤީޤާ ގުޅިގެން މުއާޒު ހައްޔަރުކުރުމާއެކު، މިފްކޯގައި އޭނާ އަދާކުރަމުންދިޔަ އިންޖިނިއަރިންގ އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަޤާމުން ވެސް ވަނީ 30 ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރެވިފައެވެ.
ގެއްލުނު ސިނގިރޭޓްތަކަކީ މިދިޔަ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ސައޫދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ.
މިއީ ޖުމުލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކް ކަމަށްވާއިރު، ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި މި ސިނގިރޭޓްތަކުގެ ޑިއުޓީގެ ގޮތުގައި 122 މިލިއަން ރުފިޔާ އަރާނެއެވެ.



