ދ. މާއެނބޫދޫގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.
މި މަޝްރޫޢަކީ 2023 ވަނަ އަހަރު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން އެކުންފުންޏާ ހަވާލުކޮށްފައިވަނީ ރަށަށް 15 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަސައްކަތެވެ.
އެމްޓީސީސީން ބުނިގޮތުގައި، މިހާރު ކުރިއަށްދަނީ ހިއްކަން ކަނޑައަޅާފައިވާ ސަރަހައްދުގެ އިން ފަޅުތެރެއިން ވަކިކުރުމަށް ބައުންޑް ވޯލް ޖެހުމުގެ މަސައްކަތެވެ.
ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ މާއެނބޫދޫއަކީ 30 ހެކްޓަރުގެ ބިމެއް އޮންނަ ރަށެކެވެ. ނަމަވެސް މިވަގުތު ރަށުގެ ބިން ވަނީ ވަރަށް ބޮޑަށް ފުރިފައެވެ. އެހެންކަމުން އިތުރު ގެދޮރު އިމާރާތްކުރުމަށާއި އިޤްތިޞާދީ މަސައްކަތްތައް ހިންގުމަށް ބޭނުންވާ ބިމުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.
މިއަހަރުގެ ފެބްރުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މާއެނބޫދޫއަށް ކުރެއްވި ދަތުރުފުޅެއްގައި ވިދާޅުވީ މިހާރު ރަށގައި ހިއްކަން ނިންމާފައިވާ 15 ހެކްޓަރު، 30 ހެކްޓަރަށް އިތުރުކޮށްދެއްވާނެ ކަމަށެވެ.
އަދި ރައްޔިތުން ބޭނުންވާނަމަ، 2 ހެކްޓަރުގެ ބިން ވަކި ރަށެއްގެ ގޮތުގައި ހިއްކައިދޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.



