ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެއަތޮޅު ވެރިކަންކުރާ ރަށް ފޮނަދުއަށް ވަޑައިގެންފިއެވެ.
މިއީ ރައީސް ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ވަޑައިގެންނެވި ހަތަރުވަނަ ރަށެވެ.
ފޮނަދުއަށް ރައީސް ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ފޮނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ފޮނަދޫގެ ތަރައްޤީއަށް ރޭވިފައިވާ ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ފޮނަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސް ހައްދުންމައްޗަށް ކުރައްވާ މި ދަތުރުފުޅުގައި، އެއަތޮޅުގެ މީހުން ދިރިއުޅޭ 11 ރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން އެއް ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.




