ވިޔަފާރި އުސޫލުން ދޫކޮށްފައިވާ ބިންތަކާއި އިމާރާތްތަކުން ނުލިބިވާ ފައިސާގެ ތެރެއިން 223 މިލިޔަން ރުފިޔާ މިއަހަރު ހޯދިފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރ އަހުމަދު ސާމިހް ވިދާޅުވި ގޮތުގައި ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ގެނެވުނު އެންމެ މުހިންމު ބަދަލަކީ ކޮމާޝަލް އަދި ރެޒިޑެންޝަލް ކަސްޓަމަރުންގެ ކްރެޑިޓް ޑޭޓާ އެމްއެމްއޭގެ ކްރެޑިޓް ބިއުރޯގައި ރަޖިސްޓްރީކޮށް، މަހުން މަހަށް އަޕްޑޭޓްކުރަމުން ގެންދިއުމެވެ.
ސާމިހް ހާމަކުރެއްވި ގޮތުގައި ކޮމާޝަލް އަދި ރެޒިޑެންޝަލް ކަސްޓަމަރުން އަތުން ލިބެންޖެހޭ 2.7 ބިލިއަން ރުފިޔާގެ ތެރެއިން މިއަހަރުގެ މިހާތަނަށް 223 މިލިއަން ރުފިޔާ ވަނީ ހޯދިފައެވެ. މިއީ މިދިޔަ އަހަރު ހޯދުނު 220 މިލިއަން ރުފިޔާއާ އަޅާބަލާއިރު ކުރިއެރުމެކެވެ.
”އެމްއެމްއޭގައި ރަޖިސްޓްރީ ކުރަމުންދަނީ ހަމައެކަނި ރެޒިޑެންޝަލް ކަސްޓަމާސް އެކަންޏެއް ނޫން. ހުރިހާ ކޮމާޝަލް ކަސްޓަމާސްވެސް ހަމަ އިޝޫއެއް ނޫޅޭ ޝޯޓްއައުޓް ނުވާ ހުރިހާ އެއްޗެއް މިހާރު ހުންނާނީ ރަޖިސްޓަރ ކުރެވިފައި،“ ސާމިހް ވިދާޅުވިއެވެ.
އެޗްޑީސީން ފާހަގަކުރި ގޮތުގައި މިއަހަރުގެ ބާކީ އޮތް މުއްދަތުގައި އިތުރު 41 އިންސައްތައިގެ ރިކަވަރީއެއް ހޯދުމަށް އަމާޒުކުރެވިފައިވެއެވެ. މީގެ އިތުރުން، ކުރިން އެހާ އިސްކަމެއް ދެވިފައިނުވާ ކޯޓު މަރުހަލާގެ ތެރެއިން ފައިސާ ހޯދުމުގެ މަސައްކަތަށްވެސް މިހާރު އިސްކަންދެވެމުންދާކަން ފާހަގަކުރެއްވިއެވެ.
އެޗްޑީސީން ބުނިގޮތުގައި ޤަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށާއި، އެގޮތުން އިންޒާރު ދިނުމާއި ޖޫރިމަނާކޮށް ސިޓީވެސް އެ ފަރާތްތަކަށް ފޮނުވަމުން އަންނަކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ، ކޮމާރޝަލް ކަސްޓަމަރުންގެ ތެރެއިން 40 އިންސައްތަ މީހުން ޤަވާއިދުން މަހުންމަހަށް ދައްކަންޖެހޭ ކުލި ނުދައްކާ ކަމަށެވެ.



