1447 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ގަސްތުކުރާ ފަރާތްތަކުން ޞިއްޙީގޮތުން ފުރިހަމަވާންޖެހޭ ޝަރުޠުތަކަށް ސަމާލުވުމަށް އިސްލާމިކް މިނިސްޓްރީން އެދިއްޖެއެވެ.
ސައުދީ ސަރުކާރުން ވަނީ އަންނަ އަހަރުގެ ހައްޖު މޫސުމުގައި ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ހައްޖުވިސާ ނުދޭގޮތަށް ނިންމާފައެވެ. މި ނިންމުން ނިންމާފައިވަނީ ހައްޖަށްދާ މީހުންނަށް ހައްޖުގެ އަޅުކަން އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުންނެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު އާންމުކުރި އުސޫލުތަކުގައިވާ ގޮތުން، ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން ދާއިމީކޮށް އޮކްސިޖަން ބޭނުންކުރަންޖެހޭ މީހުންނާއި، ފުރަމޭގެ ސިރޯސިސް ތަޙައްމަލްކުރާ މީހުންނާއި، ކިޑްނީ ފެއިލްވެގެން ޑައިލަސިސް ހަދާމީހުންނަށް ވިސާ ނުދެވޭނެއެވެ.
މީގެއިތުރުން ނަފްސާނީ ބަލީގެ ސަބަބުން ވިސްނުމަށް ނުވަތަ ބުއްދިއަށް އަސަރުކޮށްފައިވާ މީހުންނާއި، ޑިމެންޝިއާ ތަހައްމަލުކުރަމުންދާ މީހުންނާއި، ވިހެއުމުގެ ރިސްކު އޮންނަ މީހުންނަށްވެސް ވިސާ ނުދެވޭނެއެވެ.
އަދި ހަމައެހެންމެ، ކީމޯ ތެރަޕީ ނުވަތަ ބަޔޮލޮޖިކަލް ތެރަޕީ ނަގަމުންދާ ކެންސަރު ބަލީގެ މީހުންނާއި، ޓީބީ އާއި ހެމަރޭޖިކް ފީވަރ ފަދަ ޢާންމު ޞިއްޙަތަށް ނުރައްކާވެދާނެ ބަލިތައް ޖެހިފައިވާ ފަރާތްތަކަށްވެސް ވިސާ ދޫނުކުރުމަށް ވަނީ ނިންމާފައެވެ.
ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވި ގޮތުގައި، ހައްޖަށްދިއުމަށް ފުރުސަތު ލިބޭ ފަރާތްތަކަށް ދުރާލައި މެޑިކަލް ޓެސްޓްތައް ހެދުމަށް އަންގާނެއެވެ.
އަދި ސައުދީން ވިސާލިބުމުގެ ކަންކަން ހަމަޖައްސަނީ އެ ރިޕޯޓްތަކުގެ ނަތީޖާތަކަށް ބަލައިގެންކަމަށްވެސް އެމްޑީ ވަނީ ފާހަގަކުރައްވާފައެވެ.


