ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ކުރިއަށް އޮތް ހުކުރު ދުވަހު ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.
މިއީ 19 އަހަރު ފަހުން ފީފާގެ ރައީސަކު ރާއްޖެއަށް ކުރާ ފުރަތަމަ ދަތުރެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އިން ބުނިގޮތުގައި، އެންމެ ފަހުން ފީފާގެ ރައީސަކު ރާއްޖެއަށް އައީ 2006 ވަނަ އަހަރުގައެވެ. އިންފަންޓީނޯގެ މި ދަތުރަކީ ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް އާ އަޒުމަކާއެކު މަސައްކަތް ކުރުމަށް ލިބޭނެ ބޮޑު ހިތްވަރެއް ކަމަށް އެފްއޭއެމްއިން ފާހަގަކުރެއެވެ.
ދާދި ފަހުން އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ބޭރަށް ކުރި ދަތުރުގައި އިންފަންޓީނޯއާ ބައްދަލުކޮށްފައިވެއެވެ. ޓޮމް އަކީ ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީގެ މެންބަރެއް ވެސް މެ އެވެ. މިއީ ދިވެއްސަކު ފީފާގެ އެޑްވައިޒަރީ ކޮމިޓީއަކަށް އައްޔަންކުރެއްވި ފުރަތަމަ ފަހަރެވެ.
ޖިއާނީ އިންފަންޓީނޯއަކީ ފީފާގެ 9 ވަނަ ރައީސެވެ. އޭނާ މި މަގާމަށް ހޮވުނީ 2016 ވަނަ އަހަރުގައެވެ. މިއީ އެ މަގާމުގައި އޭނަ ހޭދަކުރާ ދެވަނަ ދައުރެވެ.




