އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނެލް މެސީ އެމެރިކާގެ އިންޓަ މަޔާމީ ސީއެފްއާ އެކު އޭނާގެ ކޮންޓްރެކްޓް 2028 ވަނަ އަހަރުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ދުނިޔޭގެ ގިބަ ބަޔަކު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ކަމުގައި ދެކޭ މެސީ އުމުރުން 38 އަހަރުގައި އެކުލަބާ އެކު އިތުރު ހަތަރު އަހަރު މަޑުކުރަން ނިންމީ މަޔާމީގެ ފުޓްބޯޅައިގެ ތާރީޚުގައި އާ ޒަމާނެއް ފަށަން ކްލަބުން ކުރާ މަސައްކަތަށް އެހީވެދިނުމުގެ ގޮތުންނެވެ.
އިންޓަ މަޔާމީން އިއްޔެ ހާމަކުރި ގޮތުގައި، މެސީ މި އާ ކޮންޓްރެކްޓުގައި ސޮއިކުރީ ކްލަބްގެ އާ ސްޓޭޑިއަމް، ’މަޔާމީ ފްރީޑަމް ޕާކް‘ ހަދަމުންދާ ސައިޓުގައެވެ. އެ ކްލަބުން އަންނަނީ އަންނަ ސީޒަން ފެށުމުގެ ކުރިން 25،000 ސަޕޯޓަރުންގެ ޖާގައިގެ މި ޒަމާނީ ސްޓޭޑިއަމް ބޭނުންކުރަން ތައްޔާރުވަމުންނެވެ.
އެހެންކަމުން، މެސީގެ މި އެއްބަސްވުމަކީ، އާ ސްޓޭޑިއަމަށް ޓީމު ބަދަލުކުރުމުގެ ކުރިން ކްލަބްގެ ސަޕޯޓަރުންނަށް ލިބުނު ބޮޑު އުފަލެކެވެ.
މެސީ 2023 ވަނަ އަހަރުގެ ސީޒަންގެ ތެރޭގައި މަޔާމީއާ ގުޅުނީއްސުރެ އޭނާ ވަނީ ޓީމަށް ނުހަނު ބޮޑު ބަދަލެއް ގެނެސްފައެވެ. އޭނާ ވަނީ މިހާތަނަށް މަޔާމީއަށް ކުޅުނު 82 މެޗުން 71 ގޯލު ޖަހައިފައެވެ. އޭގެ ތެރޭގައި އެމްއެލްއެސްގެ 53 މެޗުން ޖެހި 50 ގޯލު ހިމެނެއެވެ. މި އަހަރުގެ ރެގިއުލާ ސީޒަންގައި މެސީ ވަނީ 28 މެޗުން 29 ގޯލު ކާމިޔާބުކޮށް، ފުރަތަމަ ފަހަރަށް އެމްއެލްއެސްގެ ރަން ބޫޓު (ގޯލްޑަން ބޫޓް) ވެސް ހޯދައިފައެވެ.
މި ކާމިޔާބީތަކުގެ ސަބަބުން އެމްއެލްއެސްގެ ތާރީޚުގައި އިންޓަ މަޔާމީގެ މަގުބޫލުކަން ވަނީ ނުހަނު ބޮޑަށް އިތުރުވެފައެވެ.
މެސީގެ ކެޕްޓަންކަމުގެ ދަށުން އިންޓަ މަޔާމީ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން 2023 ގެ ލީގްސް ކަޕްގެ ތަށި ނެގުމަށްފަހު، 2025 ގެ ސަޕޯޓާސް ޝީލްޑް ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. ނަމަވެސް އެ ޓީމުގެ އެންމެ ބޮޑު އަމާޒަކީ އަދިވެސް އެމްއެލްއެސް ކަޕް ކާމިޔާބުކުރުމެވެ.
މި އަހަރު ލީގުގެ ރެގިއުލާ ސީޒަން ތިންވަނައިގައި ނިންމާލުމުން، ކަޕްގެ ޕްލޭއޮފް ބުރުގައި ވާދަކުރުމުގެ ފުރުސަތު މަޔާމީއަށް ލިބިފައިވާއިރު، މެސީގެ އިތުރު އަހަރުތަކުގެ މަޑުކުރުމަކީ ޓީމުގެ މި އަމާޒަށް ވާސިލްވުމަށް ލިބުނު ފުރުސަތެކެވެ.




