މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑިޕާޓްމަންޓްތަކުން ތައްޔާރުވުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ.
އެމްއޭސީއެލުން ބުނީ، މި ބައްދަލުވުމުގެ މަގުސަދަކީ ޕީކް ސީޒަންގެ އޮޕަރޭޝަންސްތައް ކާމިޔާބު ކަމާއެކުކުރިއަށް ގެންދިއުމުގައި ޑިޕާޓްމަންޓްތަކަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާއި އެކަންކަމަށް ހުށަހަޅާ ހައްލުތަކާއި މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްއެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުން ކަމަށެވެ.
މި ބައްދަލުވުން ފައްޓަވައިދެއްވަމުން އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރު(ސީސީއޯ) މުހައްމަދު މިހާދު ވިދާޅުވީ, އެމްއޭސީއެލްއަކީ ހިދުމަތް ދޭކުންފުންޏަކަށްވާއިރު, އެކަމަށް އަބަދުވެސް ތައްޔާރަށް ތިބެންޖެހޭ ކަމަށެވެ.

އެގޮތުން ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިއަދު ބާއްވާ ބައްދަލުވުމަކީ އެމްއޭސީއެލްގައި ބާއްވަމުން އަންނަ އެންމެ މުހިންމު ބައްދަލުވުން ކަމަށް ސީއީއޯ ވިދާޅުވިއެވެ.
ސީސީއޯ މިހާދު އިތުރަށް ވިދާޅުވީ, އެމްއޭސީއެލް އިން ހިދުމަތް ހޯދާ ފަރާތްތަކަށް, އެ ފަރާތްތަކުން ބަލައިގަންނަ ފެންވަރަށް ނުވަތަ އެއަށްވުރެވެސް މަތީ ފެންވަރަށް ހިދުމަތް ދިނުމަށް ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓަކާއި ހުރިހާ މުވައްޒަފުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އެކަމަށްޓަކައި ކުންފުނީގެ ހުރިހާ ވަސީލަތްތަކާއި މުވައްޒަފުންނާއި އެ މުވައްޒަފުންގެ ވިސްނުންވެސް ބަދަލުވާން ޖެހޭނެ ކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި އެމްއޭސީއެލްގެ އިސްވެރިންނާއި އެމްއޭސީއެލްގެ ޑިޕާޓްމަންޓްތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއޭސީއެލްއިން ބުނިގޮތުގައި، ކޮންމެ އަހަރެއްގެ ވެސް ފިނި މޫސުމާއި އާ އަހަރަށް ދިމާވާ ދުވަސްވަރަކީ އެއަރޕޯޓަށް އެންމެ ބާރުބޮޑު ދުވަސްވަރަށްވާ އިރު، މިދިޔަ އަހަރުގެ ޕީކް ސީޒަންގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް 7,558 ފްލައިޓް އޮޕަރޭޓް ކުރިއެވެ.
އެހެންވެ ކޮންމެ އަހަރެއްގެވެސް ޕީކް ސީޒަނަށް އެއާޕޯޓުގެ ހިދުމަތްތައް ދިނުމުގައި އަވަސް ކުރުމަށް ފިޔަވަޅުތައް އަޅަމުންދާކަމަށް އެމްއޭސީއެލްއިން ބުންޏެވެ.



